ބަޔާން މިއުނިކްގެ ޕްރެކްޓިސް ސެޝަނެއް ކުރިއަށް ދަނިކޮށް ހޭނެތިގެން ވެއްޓުމާ ގުޅިގެން، އެ ޓީމުގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ޖަރުމަނުގެ ޗެމްޕިއަން ބަޔާނުން ހުކުރު ދުވަހު މިކަން ހާމަކޮށްފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ވައިރަލް ރޯގާއެއް ޖެހި އޭނާ ހުރީ ބަލިވެއެވެ. މި ބަލީގެ ސަބަބުން މިދިޔަ ދުވަސްތަކުގައި އޭނާއަށް ޓީމުގެ ބައެއް ޕްރެކްޓިސްތައް ވެސް ވަނީ ގެއްލިފައެވެ.

Ad
rt

ބަޔާން މިއުނިކުން ނެރުނު ބަޔާނެއްގައި ބުނީ، ކޮމްޕެނީ ހޭނެތިގެން ވެއްޓި ސިއްހީ އެހީތެރިކަން ހޯދަން ޖެހުނީ އެ ކްލަބުގެ ރިޒާވް ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ދިޔަ ވަގުތު ކަމަށެވެ. އަދި އޭނާ ހޭނެތިގެން ވެއްޓުނީ ސީނިއާ ޓީމުގެ ހެޑް ކޯޗުގެ ހައިސިއްޔަތުން ދެވަނަ ޓީމުގެ ޕްރެކްޓިސް ސެޝަން ބަލަން ހުއްޓައި ކަމަށް ވެސް ކްލަބުން ބުންޏެވެ. މިވަގުތު ހޮސްޕިޓަލުގައި ބާއްވައިގެން އޭނާގެ ފުރިހަމަ ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށާއި، އޮތީ ސިއްހީ ހާއްސަ ފަރުވާގެ ދަށުގައި ކަމަށް ވެސް ބަޔާނުން ވަނީ ހާމަކޮށްފައެވެ.

ކޮމްޕެނީއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނާތީ، ވަގުތީ ގޮތުން ޓީމުގެ ފަރިތަކުރުންތަކާއި ކުރިއަށް އޮތް މެޗުތަކާ ގުޅޭ އެންމެހައި އޮޕަރޭޝަންތައް ބަލަހައްޓަމުން ގެންދާނީ އޭނާގެ ކޯޗިން ސްޓާފުން ކަމަށް ބަޔާނުން ބުންޏެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި މި ހަފުތާގެ ކުރީކޮޅު އަމިއްލަ ދަނޑުގައި އާސެނަލްއާ ވާދަކޮށް 2-2 އިން އެއްވަރުވި ބަޔާން މިއުނިކަކީ މިވަގުތު ބުންޑެސްލީގާގެ އެއްވަނައިގައި އޮތް ޓީމެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް އެ ޓީމަށް ދެން އޮތީ އާދީއްތަ ދުވަހު ފްރެއިބާގާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބަޔާން މިއުނިކްގެ ބޯޑު މެންބަރު ފޯ ސްޕޯޓްސް، މެކްސް އެބާލް ވިދާޅުވީ ކްލަބުގެ އެންމެ ބޮޑު އިސްކަމެއް އޮތީ ކޮމްޕެނީގެ ސިއްހަތަށް ކަމަށެވެ. އަދި އޭނާ އަވަހަށް ރަނގަޅުވުމަށްޓަކައި ކްލަބުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ވެސް އެބާލް ވަނީ ދެއްވާފައެވެ.

"ވިންސެންޓަށް ބޭނުންވާ ހުރިހާ ސިއްހީ ފަރުވާއަކާއި އެހީތެރިކަމެއް ދަނީ ފޯރުކޮށްދެމުން. އަދި އޭނާއަށް ބޭނުންވާ ވަރަކަށް ވަގުތު ދެވޭނެ،" އެބާލް ވިދާޅުވިއެވެ.

މީގެ އިތުރުން އެފްސީ ބަޔާންގެ އެންމެން ވެސް އެދެނީ ކޮމްޕެނީއަށް އަވަސް ޝިފާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އުމުރުން 40 އަހަރުގެ މެންޗެސްޓާ ސިޓީގެ ކުރީގެ ޑިފެންޑަރަށް މި ހަފުތާގައި އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، އަންގާރަ ދުވަހު ބޭއްވި ޕްރެކްޓިހާއި ނޫސްވެރިންގެ ބައްދަލުވުން ވެސް ވަނީ ގެއްލިފައެވެ. އާސެނަލް މެޗަށް ފަހު ވާހަކަދައްކަމުން ކޮމްޕެނީ ބުނެފައިވަނީ، ވޭތުވެދިޔަ ހަފުތާގައި ވަރަށް ގަދަޔަށް ވައިރަސް އެޅި ބަލިވި ކަމަށާއި، އެހެން ނަމަވެސް އަމިއްލަ ހަށިގަނޑުގެ ގޮވައިލުމަށް އިޖާބަ ނުދެވުނު ކަމަށެވެ. އަދި ވަކި ހިސާބަކުން ހަށިގަނޑު "ދެން ފުދިއްޖެއޭ" ބުނާ ހިސާބަށް ކަންކަން ދިޔަ ކަމަށް އޭނާ އޭރު ފާހަގަކުރިއެވެ.