އިނގިރޭސިވިލާތުގެ ލޯކަލް ކައުންސިލަރެއްގެ ފޮޓޯއަކަށް ބަދަލު ގެނެސް، މުސަޅެއްގެ ސިފަ ޖެހޭގޮތަށް ސޯޝަލް މީޑިއާގައި ހިއްސާކުރި 15 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށް، އޭނާގެ ފިންގަޕްރިންޓާއި ޑީއެންއޭ ފުލުހުން ނަގައިފިއެވެ.

މި މައްސަލައިގައި ވެސްޓް މިޑްލެންޑްސް ފުލުހުން ހައްޔަރުކޮށްފައިވަނީ އިނގިރޭސިވިލާތުގެ "ރިފޯމް ޔޫކޭ" ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފްރޭޒާ ނަމަކަށް ކިޔާ ކުއްޖެކެވެ.

Ad
rt

ފްރޭޒާ އޭނާގެ ފޭސްބުކް މެދުވެރިކޮށް ފާޑުކިޔާފައިވަނީ ވުލްވަހެމްޕްޓަންގެ ކޮންޒަވޭޓިވް ކައުންސިލަރެއް ކަމަށްވާ ސައިމަން ބެނެޓަށެވެ. އެގޮތުން ބެނެޓްގެ ފޮޓޯއަށް މުސަޅު ކަންފަތް ލައްވައި އެޑިޓްކުރުމަށްފަހު، "ކޮންޒަވޭޓިވްސްގެ އިތުބާރުގެ އެންމެ ފަހު ތަންކޮޅު މުސަޅެއް ކާލަނީ" ކަމަށް ބުނެ ލިޔެފައިވާ ލިޔުމަކާއެކު އޭނާ ވަނީ ޕޯސްޓެއް ކޮށްފައެވެ. މީގެއިތުރުން ކައުންސިލް ބައްދަލުވުންތަކުގައި ބެނެޓް ހެދުން އަޅާ ގޮތަށް ފާޑުކިޔައި، އޭނާ ސޫޓު ލުމުން "ރެންޓް ބޯއީ" އެއްގެ ގޮތުގައި ނުފެންނާތީ އުފާކުރާ ކަމަށް ބުނެ ވެސް ޕޯސްޓެއް ޝާއިއުކޮށްފައިވެއެވެ.

މި ޕޯސްޓްތަކާ ގުޅިގެން ކައުންސިލްގެ އޮފިޝަލުންނާ މަޝްވަރާކުރުމަށްފަހު، ބެނެޓް ވަނީ ފުލުހުންނަށް އެ މައްސަލަ ރަސްމީކޮށް ހުށަހަޅާފައެވެ. ބެނެޓް ފާހަގަކުރި ގޮތުގައި އެއީ އޭނާއަށް އަމާޒުކޮށް ހިންގި ދިގުލީ ފުރައްސާރައެއް އަދި ނުބައި ނިޔަތެއްގައި ކޮށްފައިވާ މުވާސަލާތެކެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ބެނެޓް ބުނީ "އެއީ ވަރަށް ނުރުހެވޭ ކަމެއް ކަމަށާއި، އަދި އޭނާއަށް އެއްވެސް ފިޔަވަޅެއް އެޅެން ނެތް ކުޑަކުއްޖަކު އޭނާއަށް އަމާޒުކޮށް މިފަދަ ކަންކަން ކުރުމުން އުނދަގޫވި،" ކަމަށެވެ.

ފާއިތުވި އޮގަސްޓް މަހުގެ ހެނދުނެއްގައި ހަތަރު ފުލުހުން ފްރޭޒާގެ ގެއަށް ގޮސް އޭނާ ހައްޔަރުކުރި އިރު، ފުލުހުން ބުނެފައިވަނީ އެއީ ހަމައެކަނި "ސޯޝަލް މީޑިއާއާ ގުޅުންހުރި" މައްސަލައެއް ކަމަށެވެ. ފުލުހުން ވަނީ އޭނާގެ ކޮޓަރި ބަލައި ފާސްކޮށް، އޭނާ ބޭނުންކުރާ ފޯނާއި ކޮމްޕިއުޓަރު ވެސް އަތުލައިގެންފައެވެ. އަދި ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާގެ ފިންގަޕްރިންޓާއި މޫނުގެ ފޮޓޯ އަދި ޑީއެންއޭ ސާމްޕަލް ނަގައި، ސޯޝަލް މީޑިއާ ބޭނުންކުރާ ގޮތާއި ކައުންސިލަރު ބެނެޓާ ބެހޭ ގޮތުން ކުރު ސުވާލުތަކެއް ކޮށްފައިވެއެވެ.

ފުލުހުންގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ފްރޭޒާ ހައްޔަރުކޮށްފައިވަނީ މުވާސަލާތީ ގާނޫނާ ހިލާފުވުމުގެ ތުހުމަތުގައާއި، ނަފްރަތުގެ ކުށެއް (ހޭޓް ކްރައިމް) ހިމެނިދާނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް، މި މައްސަލައިގައި އޭނާގެ މައްޗަށް ރަސްމީކޮށް ދައުވާ ކުރާނެތޯ ނުވަތަ ނޫންތޯ ނިންމުމަށް އަދިވެސް އޮތީ ތަހުގީގީ މަރުހަލާގައެވެ.

މި މައްސަލައިގައި ފްރޭޒާއަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ "ފްރީ ސްޕީޗް ޔޫނިއަން" (އެފްއެސްޔޫ) އިން އަންނަނީ ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި މިއީ ސިޔާސީ ގޮތުން ޖަހާފައިވާ ޖޯކުތަކަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަމާޒުކޮށް ފުލުހުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމެކެވެ. އަދި ތަހުގީގު ނިމުމުން، ގާނޫނާ ހިލާފަށް ހައްޔަރުކޮށް ބަންދުކުރި ކަމަށް ބުނެ ވެސްޓް މިޑްލެންޑްސް ފުލުހުންނާ ދެކޮޅަށް ކޯޓުގައި ދައުވާކުރުމަށް ފްރޭޒާގެ ގާނޫނީ ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ.