އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ސެއިންޓް ޕޯލްގައި ދުއްވަމުންދިޔަ ސްކޫލް ބަހެއްގެ ޑްރައިވަރަށް ސިއްހީ ކުއްލި ހާލަތެއް މެދުވެރިވުމުން، ދުވެފައި ގޮސް އެ ބަހަށް އަރައި، އޭގައި ތިބި 18 ކުދިންގެ ފުރާނަ ސަލާމަތްކޮށްދިން 27 އަހަރުގެ މުސްލިމް ޒުވާނަކަށް ގިނަ ބައެއްގެ ތައުރީފު އޮހެން ފަށައިފިއެވެ.
ބަސް ރައްކާތެރިކަމާއެކު ހުއްޓުވައި ދެއްކި ހިތްވަރާ ގުޅިގެން އެ ސަރަހައްދުގެ ގިނަ ބަޔަކު އަންނަނީ އޭނާ އަކީ އަގުހުރި ބަތަލެއްގެ ގޮތުގައި ސިފަކޮށް މީސް މީޑިއާގައި ލިޔަމުންނެވެ.
މި ހާދިސާ ހިނގި ވަގުތު މުސްލިމެއްކަމަށްވާ އެބްރޯ އަހުމަދު ހުރީ ސެއިންޓް ޕޯލްގެ ފިހާރައެއްގެ ބޭރުގައެވެ. މަގުމަތިން ދަތުރުކުރަމުން ދިޔަ ސްކޫލް ބަހުގެ ދޮރުތައް އެއްކޮށް ހުޅުވިފައި ހުރުމުން އޭނާގެ ސަމާލުކަން އެ ބަހަށް ހުއްޓުނު ކަމަށާއި، ބަހުގެ އެތެރެއަށް ބަލައިލިއިރު ޑްރައިވަރަށް ސިއްހީ ގޮތުން ކުއްލި މައްސަލައެއް ކުރިމަތިވެފައިވާ މަންޒަރު ފެނުނު ކަމަށް އޭނާ ބުންޏެވެ.
ހާދިސާގެ ނުރައްކާތެރިކަން ވަގުތުން ދެނެގަނެ، އަހްމަދު އެއްވެސް ޖެހިލުމެއްނެތި ދުއްވައިގަތީ ކުރިއަށް ދަތުރުކުރަމުން ދިޔަ އެ ބަހާ ދިމާއަށެވެ. އަދި ބަހުގެ ހުޅުވިފައި ހުރި ދޮރުން އެތެރެއަށް ފުންމައިގެން އަރައި، ކޮންޓްރޯލް ގެއްލިފައިވާ ބަސް ހުއްޓުވުމަށް އޭނާ އަވަސްވެގަތެވެ.
މީގެ ކުރިން ދުވަހަކުވެސް ސްކޫލް ބަހެއް ދުއްވާފައި ނުވި ނަމަވެސް، އެ ނާޒުކު ވަގުތުގައި އޭނާ ވަނީ ހާސްނުވެ ބަހުގެ ކޮންޓްރޯލް އަތުލުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން، ފުރަތަމަ އޮޅިގެން ގިއަރު ރިވާސްއަށް ލެވުނު ނަމަވެސް، ހަމަޖެހިލައިގެން ވަގުތުން ގިއަރު ނިއުޓްރަލްއަށް ބަދަލުކޮށް، ޕާކިން ބްރޭކް ޖައްސައިގެން އޭނާ ވަނީ ބަސް ރައްކާތެރިކަމާއެކު ހުއްޓުމަކަށް ގެނެސްފައެވެ.
އަހްމަދުގެ މި ހަލުވި އަދި ހިތްވަރުގަދަ އަމަލުގެ ސަބަބުން، ބަހުގައި ދަތުރުކުރި 18 ކުދިންގެ ތެރެއިން އެއްވެސް ކުއްޖަކަށް އަނިޔާއެއް ނުވެ ވަނީ ސަލާމަތްވެފައެވެ. އޭބީސީ ނިއުސްއަށް މައުލޫމާތު ދެމުން އަހްމަދު ބުނީ، އެ ވަގުތު އޭނާއަށް އިހުސާސް ކުރެވުނީ އެއީ ކޮންމެހެން އަދާކުރަންޖެހޭ އަމިއްލަ ވާޖިބެއްގެ ގޮތުގައި ކަމަށެވެ.
"އަދި މިއީ ކުޑަކުދިންތަކެއްގެ ވާހަކަ. އެހެންވީމާ، އަހަރެން މަރުވި ނަމަވެސް އެއީ ކުރަން އަގުހުރި ކަމެއް،" އަމިއްލަ ފުރާނައަށް ވުރެ ކުޑަކުދިންގެ ސަލާމަތް އިސްކޮށް އޭނާ ދެއްކި މަތިވެރި ގުރުބާނީ ހާމަކުރަމުން އަހްމަދު ބުންޏެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގައި ފަސްޖެހުމެއްނެތި ނުރައްކަލާ ކުރިމަތިލައި، އޭނާ ދެއްކި ހިތްވަރަށް އެތައް ބަޔަކު ދަނީ ސާބަސް ރައްދުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!