ޕާކިސްތާނުގެ ނެޝެނަލް އެސެމްބްލީގެ ރައީސް ސަރްދާރު އަޔާޒް ޞާދިޤް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެއިތުރުން، ޕާކިސްތާނުގެ ރައްޔިތުންނާއި އެ ޤައުމުގެ މަޖިލިސް މެންބަރުންގެ ނަންފުޅުގައި ރައީސްއަށް ސަރްދާރު އަޔާޒް ޞާދިޤް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

Ad
rt

ޞާދިޤްގެ ވާހަކަފުޅުގައި، ގިނަ ދުވަހެއްގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ރައީސް ޕާކިސްތާނަށް ވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެ މަނިކުފާނަށް މެހެމާންދާރީ އަދާކުރުމުގެ ފުރުޞަތު ލިބިވަޑައިގަތުމަކީ ލިބުނު ބޮޑު އުފަލެއް ކަމުގައިވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، މި ދަތުރުފުޅަކީ ކުރީގެ ގުޅުންތައް އައުކުރުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށް ވިދާޅުވިއެވެ. އަދި މިއީ ކުރިމަގުގައި ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާކުރަނިވި ކަންކަމަށް އެއްބަސްވެވޭނޭ ފަދަ ގުޅުމެއް ޤާއިމްކުރެވިގެންދާނެ ދަތުރުފުޅެއް ކަމުގައި އެ މަނިކުފާނު ބަޔާންކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕާކިސްތާނަކީ އަބަދުވެސް ދިވެހިރާއްޖޭގެ ތަރައްޤީގައި އިސް ދައުރެއް އަދާކުރަމުން އަންނަ ޤައުމެކެވެ.

މި ހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް މިހާރު ކުރައްވަމުންގެންދަވާ މި ފުރަމާނަ ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.