ޖަނަވާރުންގެ މެދުގައި ފެތުރޭ ނުރައްކާތެރި ވައިރަހެއް ކަމަށްވާ "ޝަމޮންޑާ" ވައިރަސް ތާރީޚުގައި ފުރަތަމަ ފަހަރަށް އިންސާނެއްގެ ހަށިގަނޑުން ފެނި، އެމީހާ މަރުވެއްޖެއެވެ.
މިއީ މުޅި ދުނިޔޭގައިވެސް މި ވައިރަސް އިންސާނެއްގެ ގައިން ފެނުނު ފުރަތަމަ ފަހަރު ކަމަށް ވާއިރު، މިކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ފްރާންސްގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. މި ވައިރަސް ޖެހި މަރުވެފައި ވަނީ ފްރާންސް މީހެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިއޭސުސް ހާމަކުރެއްވި ގޮތުގައި، މި ވައިރަސް ޖެހިގެން މަރުވެފައިވަނީ ދިފާއީ ނިޒާމު އިންތިހާއަށް ބަލިކަށިވެފައިވާ (އިމިއުނޯކޮމްޕްރޮމައިޒްޑް) މީހެކެވެ. އޭނާގެ ދިފާއީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން މި އިންފެކްޝަން އަވަހަށް ޖެހި، ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި ކަމަށް ވިދާޅުވެ، ޑރ. ޓެޑްރޯސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ފްރާންސްގެ ސިއްހީ އޮފިޝަލުން ބުނި ގޮތުގައި އެމީހާ މަރުވެފައިވަނީ މި ހިނގާ މަހުގެ ކުރީކޮޅުގައެވެ.
ފްރާންސްގެ މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް އެގްރިކަލްޗާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ފާއިތުވި އެތައް އަހަރެއް ވަންދެން އެފްރިކާއާއި އޭޝިއާގެ ސަރަހައްދުތަކުގައި ޝަމޮންޑާ ވައިރަސް ދައުރުވަމުން ދިޔަ ނަމަވެސް، މީގެ ކުރިން ދުވަހަކުވެސް އިންސާނެއްގެ ހަށިގަނޑުން މި ވައިރަސް ފެނިފައި ނުވާ ކަމަށެވެ. އަދި މިއީ ދިފާއީ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ މީހަކަށް ކުރިމަތިވި ޚާއްސަ ހާލަތެއް ކަމަށާއި، މިވަގުތު އާންމު ރައްޔިތުންނަށް މިކަމުން ސިއްހީ އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ވައިރަހަކީ ކުދި މެއްސެއް ފަދަ ސޫތްޕެއް ކަމަށްވާ "ކިއުލިކޮއިޑްސް" ބައިޓިންގ މިޖަސް ދަތްއެޅުމުގެ ސަބަބުން ފެތުރޭ ވައިރަހެކެވެ. ފްރާންސްގެ އެގްރިކަލްޗާ މިނިސްޓްރީގެ ތަހުގީގުތަކުން ދައްކާ ގޮތުގައި، މި ބަލި ޖެހުނު މީހާ ދިރިއުޅެފައިވަނީ ފްރާންސްގެ އިރުމަތީ ސަރަހައްދެއްގައެވެ. އެއީ 2026 ވަނަ އަހަރުގެ ބަހާރު މޫސުމާއި ހޫނު މޫސުމުގައި ޖަނަވާރުންގެ މެދުގައި މި ވައިރަސް ފެތުރެމުން ދިޔަ އަދި ކިއުލިކޮއިޑްސް ސޫފި ގިނަ އަދަދަކަށް އުޅޭ ސަރަހައްދެއް ކަމުން، އެ މީހާގެ ގަޔަށް ވައިރަސް އަރާފައިވަނީ އެފަދަ ސޫތްޕެއް ދަތްއެޅުމުގެ ސަބަބުން ކަމަށް ވަނީ ބެލެވިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ރޮއިޓާސްއަށް ދިން ބަޔާނެއްގައި ބުނެފައިވަނީ، މިއާ އެއްގޮތް އެހެން ވައިރަސްތައް ފެތުރޭ ގޮތަށް ބަލާއިރު، މިއީ އެކަހެރި ހާދިސާއެއް ކަމަށާއި މުޖުތަމައުގެ ތެރޭގައި މި ވައިރަސް އިތުރަށް ފެތުރިގެން ދިއުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އަދި އިންސާނުންގެ ގައިން ގަޔަށް މި ވައިރަސް އަރާކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ޔޫރަޕިއަން ސެންޓަ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އީސީޑީސީ) އިން ވެސް ވަނީ ބުނެފައެވެ. ނަމަވެސް، އިންސާނުންނަށް މި ބަލި ޖެހެން މެދުވެރިވި ސަބަބާއި ފެތުރިދާނެ ގޮތްތައް އިތުރަށް ދެނެގަތުމަށް ޑަބްލިޔުއެޗްއޯއިން ދަނީ ފްރާންސްގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
"އޮތޯބުންޔާވައިރަސް" ޖީނަސްއަށް ނިސްބަތްވާ ޝަމޮންޑާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1960 ގެ އަހަރުތަކުގެ މެދުތެރޭގައި ނައިޖީރިއާއިންނެވެ. މާޒީގައި އެފްރިކާއާއި ޖަޕާނުގެ ޖަނަވާރުންގެ ގައިން މަދުމަދުން ފެނުނު ނަމަވެސް، 2026 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން މި ވައިރަސް ވަނީ ޖަރުމަނުވިލާތް، ފްރާންސް، ސްވިޒަލެންޑް، ނެދަލެންޑްސް، އިޓަލީ، ސްޕެއިން އަދި އިނގިރޭސިވިލާތް ހިމެނޭހެން ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ޖަނަވާރުންގެ މެދުގައި ފެތުރެން ފަށާފައެވެ.
މި ވައިރަހަކީ މައިގަނޑު ގޮތެއްގައި ގެރި، ކަންބަޅި، ބަކަރި، އަސް އަދި އަލްޕަކާ ފަދަ ޖަނަވާރުންނަށް ޖެހޭ ބައްޔެކެވެ. ޖަނަވާރުންނަށް މި ބަލި ޖެހުމުން ހުންއައުމާއި، ވަރުދެރަވުމާއި، ބޮޑުކަމުދެވުމުގެ އިތުރުން ކިރު އުފައްދާ މިންވަރު ވަރަށް ބޮޑަށް ދަށްވެއެވެ. މީގެއިތުރުން، މާބަނޑު ޖަނަވާރުން ބައިގެންދިއުމާއި، އައިބުތަކާއެކު ދަރި ވިހެއުމަކީވެސް މި ވައިރަހުގެ ސަބަބުން ޖަނަވާރުންނަށް ކުރިމަތިވާ ނުރައްކާތެރި އަލާމާތްތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!