ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ޑެކްލަން ރައިސް ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް، އާސެނަލުން މުހިންމު ޕޮއިންޓެއް ހޯދައިފިއެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ރަނަރަޕް އާސެނަލް މި މެޗުން އެއްވަރުވިއިރު، މިއީ މި ސީޒަނުގައި އެ ޓީމު ކުޅުނު 12 މެޗުގެ ތެރެއިން ޕޮއިންޓެއް ގެއްލުނު ދެވަނަ ފަހަރެވެ.
މެޗުގެ ވަރަށް ކުރީކޮޅު އާސެނަލަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މި ސީޒަނުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ބުކާޔޯ ސަކާގެ ފަލަމަސްގަނޑަށް އަނިޔާވެ، އަށްވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް ސަކާގެ ބަދަލުގައި ކުޅެން އެރި އެބެރެޗީ އެޒޭ ވަނީ މެޗުގެ 25 ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދީފައެވެ. މާޓިން އޮޑެގާޑް ހުރަސްކޮށްލި ބޯޅަ ހިފައިގެން ކުރިއަށް އަރައި އެޒޭ ކާމިޔާބުކުރި މި ލަނޑު، ލައިންސްމަން ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ އެއީ ސައްހަ ލަނޑެއް ކަމަށް ނިންމައިފައެވެ.
އާސެނަލުން ލީޑު ނެގިތާ 10 މިނެޓު ފަހުން ބަޔާނުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަންނަ ހަފުތާގައި ލަންޑަންގައި ބާއްވާ ބެލަންޑިއޯ ހަފްލާގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ހެރީ ކޭން މެދުތެރެއިން ގެބްރިއަލް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި މޮޅު ޕާހަކުން މި ލަނޑު ޖަހައިދިނީ ކެނެޑާގެ ވިންގާ އަލްފޮންސޯ ޑޭވީސްއެވެ. ބަޔާނުން ކުޅުން ވަރުގަދަކުރި މި ވަގުތުކޮޅުގެ ތެރޭގައި، ކޭން ހުއްޓުވަން ކުރި ފައުލަކަށް އާސެނަލްގެ އެޒްރީ ކޮންސާއަށް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ.
ދެވަނަ ހާފުގައި ދެ ޓީމުގެ ގޯލްކީޕަރުންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ބަޔާންގެ ކެޕްޓަން މެނުއަލް ނޯޔާ ވަނީ ބްރޫނޯ ގިމަރައެސް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ހުރަސްދަނޑިމަތިން ބޭރުކޮށްލައިފައެވެ. އަދި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ޑަޔޮޓް އުޕަމެކާނޯ ފޮނުވާލި ހަމަލާއެއް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ބަޔާނުން މެޗުގެ ލީޑު ނެގީ ޕެނަލްޓީ އޭރިއާ އަރިމަތިން ކޭން ފޮނުވާލި ހަމަލާއެއް އާސެނަލްގެ ޔޫރިއަން ޓިމްބާގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުންނެވެ. ކޭން ވަނީ ފަސޭހަކަމާއެކު މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިފައެވެ. ބަޔާން މޮޅުވާން ދަނިކޮށް، މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އާސެނަލަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިކްޓަ ގިޔޮކެރެސް ދިން ބޯޅައަކުން ރައިސްއެވެ.
މި މެޗުގައި ކޭން ޖެހި ލަނޑަކީ އާސެނަލާ ދެކޮޅަށް ކުޅުނު 23 މެޗުގައި އޭނާ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ. މިއާއެކު ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން 10 މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑެއް އޭނާ ވަނީ ހަދައިފައެވެ. މި މުބާރާތުގައި ރެއާލް މެޑްރިޑަށް ޖެހިޖެހިގެން 11 މެޗުގައި ލަނޑު ޖަހައިގެން ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ ރެކޯޑާ އަރާހަމަކުރުމަށް ކޭންއަށް މިހާރު ބޭނުންވަނީ އެންމެ ލަނޑެކެވެ. މެޗަށްފަހު ޓީއެންޓީ ސްޕޯޓްސްއަށް މައުލޫމާތު ދެމުން ކޭން ބުނީ ނަތީޖާއާ މެދު ކޮންމެވެސް ވަރަކަށް މާޔޫސްވި ކަމަށެވެ. "އެކަމަކު މުޅި 90 މިނެޓަށް ބަލާއިރު އެއްވަރުވުމަކީ އިންސާފުވެރި ނަތީޖާއެއް ކަމަށް ބެލެވިދާނެ،" އޭނާ ބުންޏެވެ.
މި މެޗަށް ބަޔާން ނުކުތްއިރު އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިންތަކެއް ނުކުޅެއެވެ. އޭގެ ތެރޭގައި ރަނގަޅު ފޯމެއްގައި ހުރި މައިކަލް އޮލީސޭ އާއި ޖަރުމަނުގެ ކެޕްޓަން ޖޯޝުއާ ކިމިކް އަދި ޖަމާލް މުސިއާލާ ހިމެނެއެވެ. މީގެއިތުރުން ބަލިވެ އުޅުމުގެ ސަބަބުން ކޯޗު ވިންސެންޓް ކޮމްޕެނީއަށް މި މެޗަށް ނުކުމެވޭނެކަމާމެދު ސުވާލު އުފެදුނު ނަމަވެސް، އޭނާ ވަނީ ޑަގްއައުޓުން ޓީމަށް އިރުޝާދު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!