ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި އެ ޤައުމުގެ ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު އައިވާން-އެ-ސަދްރުގައި މިއަދު ހަވީރުގެ ވަގުތެއްގައެވެ.

Ad
rt

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާއި ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީއެވެ. މި ޒިޔާރަތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ރައީސްއާއި ފަސްޓް ލޭޑީއާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވަނީ ވަކިވަކީންނެވެ.

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ ފަސްޓް ލޭޑީ ވަނީ މެޑަމް ސާޖިދާއަށް މަރުޙަބާ ދަންނަވައި، ދެބޭފުޅުންގެ ދެމެދުގައި ފައިދާހުރި މަޝްވަރާތަކެއް ކުރެއްވުމުގެ ފުރުޞަތު ފަހިވުމުން އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި ވަފުދަށް ޕާކިސްތާނުން އަދާކުރެއްވި ހޫނު މެހެމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޢާންމު ޞިއްޙަތުގެ ދާއިރާއިން، ވަކިން ޚާއްޞަކޮށް އަންހެނުންގެ ޞިއްޙަތަށް ހޭލުންތެރިކަން އިތުރުކުރުމަށް އަސީފާ ބުއްޓޯ ޒަރްދާރީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެކަމަނާ ވަނީ ތަޢުރީފު ކުރައްވާފައެވެ.

ދެބޭފުޅުންގެ މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރައްވާފައިވަނީ ތަޢުލީމު ކުރިއެރުވުމާއި، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ އިތުރުން މުޖުތަމަޢުގެ ދުޅަހެޔޮކަން ކަށަވަރުކުރުން ފަދަ އިޖުތިމާޢީ މުހިންމު ކަންކަމުގެ މައްޗަށެވެ. އެގޮތުން ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ޕްރޮމޯޓްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޞިއްޙީ ރައްކާތެރިކަމުގެ އިސްނެގުންތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މީގެއިތުރުން، އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި، އެފަރާތްތައް ބާރުވެރިކުރުވުމުގައި ދެބޭފުޅުން އަދާކުރައްވާ ދައުރުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ. އަދި އަންހެނުންގެ ތަޢުލީމާއި އިޤްތިޞާދީ ބައިވެރިވުމާއި، އިޖުތިމާޢީ ރައްކާތެރިކަމަށް ހުރި ހުރަސްތައް ނައްތާލުމުގެ އިތުރުން، މުޖުތަމަޢުގެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވުމުގެ ފުރުޞަތުތައް ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ ގުޅިފައިވާ އަމާޒުތައް ޙާޞިލުކުރުމަށާއި، މުޖުތަމަޢުގައި ހިމެނޭ ނާޒުކު ފަރާތްތަކުގެ ކުރިއެރުމަށް ގާތުން ގުޅިގެން މަސައްކަތްކުރުމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ.