ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ އިތުރުން ރަށު ކައުންސިލަރުންނަށް ދޭ އެލަވަންސްތައް ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. އިންތިޚާބީ ބައެއް މަޤާމުތަކުގެ އެލަވަންސްތަކަށް މި ބަދަލު ގެނައުމަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އިތުރު ކަންކަމުގެ ބައިގައި ދަޢުލަތުގެ މުސާރަތަކަށް ގެންނަންވާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. އޭނާ ހުށަހެޅުއްވީ ވަޒީރުންނަށާއި މަޖިލީހުގެ ރައީސް އަދި ރަށު ކައުންސިލަރުންގެ އެލަވަންސަށް ބަދަލު ގެނައުމަށެވެ. އެ ހުށަހެޅުމުގައި ވަޒީރުންގެ ކާރު އެލަވަންސް ބޮޑުކުރުން ހިމެނޭއިރު، އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ.
މަޖިލީހުގެ ރައީސްގެ އެލަވަންސް އިތުރުކުރުމަށް ހުށަހެޅީ މުސާރައިގެ ފަރަގު ނައްތާލުމުގެ ބޭނުމުގައެވެ. މިހާރުގެ ގޮތުން މަޖިލީހުގެ ރައީސަށް 73،125 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ނައިބު ރައީސަށް 91،000 ރުފިޔާ އަދި އާންމު މެންބަރުންނަށް 82،500 ރުފިޔާ ލިބިވަޑައިގަންނަވައެވެ. ކޮމިޓީން ފާސްކުރި ހުށަހެޅުމުގައިވަނީ މަޖިލީހުގެ ރައީސްގެ އެލަވަންސަށް 22،000 ރުފިޔާ އިތުރުކުރުމަށެވެ. މިއާއެކު މަޖިލީހުގެ ރައީސަށް މުސާރައިގެ ގޮތުގައި 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ރަށު ކައުންސިލްތަކުގެ މަޤާމުތަކަށް ބަލާއިރު، މިހާރު ކައުންސިލް ރައީސަކަށް 25،000 ރުފިޔާ، ނައިބު ރައީސަކަށް 20،000 ރުފިޔާ އަދި މެންބަރަކަށް 18،000 ރުފިޔާ ލިބެއެވެ. މިއަދުގެ ކޮމިޓީން ނިންމާފައިވަނީ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، ނައިބު ރައީސުންނާއި، ކައުންސިލް މެންބަރުންގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ އިތުރުކޮށްދިނުމަށެވެ.
ވަޒީރުންނަށް ލިބޭ މުސާރައަކީ މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީގެ ބޭފުޅުންނަށްވުރެ ބޮޑު މުސާރައަކަށްވާތީ، ވަޒީރުންގެ އަސާސީ މުސާރައަށް ބަދަލު ގެނައުމުގެ ބަދަލުގައި ނިންމީ ކާރު އެލަވަންސް އިތުރުކުރުމަށެވެ. އެގޮތުން ޕެޓްރޯލް އެލަވަންސަށް 2،000 ރުފިޔާ، ޑްރައިވަރުންގެ މުސާރައަށް 12،000 ރުފިޔާ އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3،000 ރުފިޔާ ދިނުމަށް ވަނީ ފާސްކޮށްފައެވެ. މި ތަފްޞީލުތައް އިދާރީ މޭޒުން އިއްވެވުމުން ކޮމިޓީއަށް އެ ހުށަހެޅުން ރަސްމީކޮށް ހުށަހަޅުއްވައިދެއްވީ ފުނަދޫ ދާއިރާގެ މެންބަރު މަމްދޫހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!