އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ 2026 އޮކްޓޫބަރު 20 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަންހެންމީހާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގުގެ ތެރެއިން، އިތުރު ސީރިއަސް ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ތަހުގީގުގެ ތެރެއިން ފާހަގަވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ބުނީ، މި މައްސަލައާ ގުޅުން ހުރި އެކަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. ނަމަވެސް އެ މީހާއާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނި ގޮތުގައި، ކުޑަކުދިންނާއި އަންހެނަކަށް ކުރި މި ތުހުމަތުތަކާ ގުޅިގެން، މި މައްސަލަ ފުލުހުންގެ އިދާރާއިން ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު އަންނަނީ އިތުރަށް ފުޅާކޮށް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!