ދަތުރުފަތުރާއި ތަޢުލީމާއި ސިއްޙީ އަދި ދިފާޢީ ދާއިރާ ހިމެނޭހެން ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު 20 އެއްބަސްވުމެއް ބަދަލުކޮށްފިއެވެ.
މި އެއްބަސްވުންތައް ބަދަލުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
ޕާކިސްތާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބަދަލުކުރެވުނު މި އެއްބަސްވުންތަކުގެ ތެރޭގައި، ދެ ޤައުމު ގުޅިގެން އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމަށް ނިންމާފައިވާ ދާއިރާތަކާއި، މިހާރު ވެސް ގުޅުން އޮންނަ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ.
President of Maldives Dr. Mohamed Muizzu and Prime Minister of Pakistan Muhammad Shehbaz Sharif witnesses the exchange of MoUs between Pakistan and Maldives in various sectors at a ceremony in Prime Minister's House, Islamabad. https://t.co/Sp6YpqFGOE
— Prime Minister's Office (@PakPMO) October 21, 2026
މި ރަސްމިއްޔާތުގައި ތަޢުލީމީ ދާއިރާއިން ދެ އެއްބަސްވުމެއް ވަނީ ބަދަލުކޮށްފައެވެ. އެއީ ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމަކާއި، ރާއްޖޭގެ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީ ކުރުމާބެހޭ ވުޒާރާއާއި ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނާ ދެމެދު ވެވުނު އެއްބަސްވުމެވެ. މީގެ އިތުރުން ސިއްޙީ ދާއިރާއިން ޚިދުމަތްތެރިން ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.
ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުން ގާއިމުކުރެވުނު އެހެނިހެން މުހިންމު ދާއިރާތަކުގެ ތެރޭގައި ދިފާޢީ ދާއިރާއާއި މެރިޓައިމް ސެކިޔުރިޓީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިންފޮމޭޝަން ޓެކްނޮލޮޖީ، ސައިބަސެކިޔުރިޓީ، އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ސްކިލްސް އަދި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. އަދި ޓްރެފިކިން އާއި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުމާއި، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވައިގެ ދަތުރުތައް ފުޅާކުރުމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ތިމާވެއްޓާއި، ފަތުރުވެރިކަމާއި، ސަގާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.
President of Maldives Dr. Mohamed Muizzu and Prime Minister of Pakistan Muhammad Shehbaz Sharif witnesses the exchange of MoUs between Pakistan and Maldives in various sectors at a ceremony at Prime Minister's House, Islamabad. https://t.co/wEvqXVbbTF
— Prime Minister's Office (@PakPMO) October 21, 2026
މި އެއްބަސްވުންތަކުގެ އިތުރުން ރާއްޖެއާއި ޕާކިސްތާނުގެ އެކި މުއައްސަސާތަކުގެ މެދުގައި ވެސް ވަނީ އެއްބަސްވުންތަކެއް ބަދަލުކޮށްފައެވެ. އެގޮތުން، ސިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއް ގާއިމުކުރެވުނުއިރު، ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނުގެ ފެޑަރަލް ޕަބްލިކް ސަރވިސް ކޮމިޝަނާ ދެމެދު ދެ އެއްބަސްވުމެއް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން ފުލުހުން ތަމްރީން ކުރުމަށް ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑަމީއާ ދެމެދު އެއްބަސްވުމެއް ގާއިމުކުރިއިރު، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޓްރޭޑިން ކޯޕަރޭޝަން ޕާކިސްތާން (ޓީސީޕީ) އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
President of Maldives Dr. Mohamed Muizzu and Prime Minister of Pakistan Muhammad Shehbaz Sharif witnesses the exchange of MoUs between Pakistan and Maldives in various sectors at a ceremony at Prime Minister's House, Islamabad. https://t.co/IJlXUmckDm
— Prime Minister's Office (@PakPMO) October 21, 2026
މި އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން އެއްބަސްވުންތައް ބަދަލުކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި، ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދާއި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާނާއި، ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ގީލާ އަލީގެ އިތުރުން އިގްތިސާދީ ތަރައްގީ އާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މީގެއިތުރުން ޕްރިންސިޕަލް ސެކްރެޓަރީ ޓުދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަސީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް އަދި ރާއްޖޭން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޠޯހާ ވެސް ވަނީ އެއްބަސްވުންތައް ބަދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!