ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤު ދާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ވަނީ ރައީސް ޑރ. މުޢިއްޒު އެ ޤައުމުގެ ވެރިރަށް އިސްލާމްއާބާދަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ދަތުރުފުޅަކީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ދަތުރުފުޅެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށާއި ދިވެހި ވަފުދަށް ޕާކިސްތާނުން ވިދާޅުވި ހޫނު މަރުޙަބާއަށާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި އިޚްލާޞްތެރިކަމާ އެކު ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކި ދާއިރާތަކުން ދެފަރާތުގެ އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ގިނަ ފުރުޞަތުތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމުގައި ރާއްޖެއާއި ޕާކިސްތާނުން ޙިއްޞާކުރާ އިސްލާމީ ވަންތަކަމާއި އެއްބައިވަންތަކަމަކީ ވަރަށް މުހިންމު އަސާސެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަށް އިޖާބަދެއްވަމުން ޕާކިސްތާނުގެ ޑެޕިއުޓީ ޕީއެމް ވަނީ، ދެ އަޚްވަންތަ ޤައުމުގެ މަސްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ޕާކިސްތާނުން އަބަދުވެސް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވުނު ފަހުމުނާމާތަކަކީ (އެމްއޯޔޫ) ދެފަރާތުގެ ގުޅުން ފުޅާކުރުމަށް ދެ ޤައުމުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ފުރަމާނަ ދަތުރުފުޅަކީ، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް މި އޮކްޓޯބަރު މަހުގެ 20 އިން 22 އަށް ކުރައްވާ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!