ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރަމުންދިޔަ ބިދޭސީ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ.

Ad
rt

ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެ މައުލޫމާތާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން މި ދެ މީހުން ވަނީ އަތުލައިގެންފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އަދި ބަންގްލަދޭޝަށް ނިސްބަތްވާ މުޙައްމަދު ރަސެލް މިއާއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި އެ ދެ މީހުން ބަންދުކޮށްފައިވަނީ 2026 އޮކްޓޫބަރު 20 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.

އަދި ހައްޔަރުކުރި ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ފުލުހުން ބުނެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ.