ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އައު ހަރުފަތަކަށް ގެންގޮސްދޭނެ ވަރަށް ބޭނުންތެރި ދެ މިންގަނޑެއް ކަމަށްވާ "ނޭޝަނަލް ސްޓޭންޑަރޑްސް ފޮރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް" އަދި "ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ" މިއަދު އިފްތިތާޙުކޮށްފިއެވެ.
މި މުހިންމު ލިޔެކިޔުންތައް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ.
ހެލްތު މިނިސްޓްރީން ބުނީ، މިއަދު ތަޢާރަފުކުރެވުނު މި އުސޫލުތަކަކީ ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ބަދަލަކީ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މީގެއިތުރުން، މުޅި ޞިއްޙީ ނިޒާމަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވެސް މި އުސޫލުތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ބައެއް ކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.
އަލަށް އެކުލަވާލެވުނު "ނޭޝަނަލް ސްޓޭންޑަރޑްސް ފޯރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް" އަކީ ރާއްޖޭގައި ހިންގަމުންދާ އެންމެހައި ބްލަޑް ބޭންކުތަކާއި، ލޭ އެޅުމުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒުތަކެއްގެ ފެންވަރާއި ރައްކާތެރިކަން އަދި އެއްހަމަކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ޤައުމީ އޮނިގަނޑެކެވެ.
ހަމައެއާއެކު، "ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ" ގެ ސަބަބުން، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޞިއްޙީ ފެންވަރު ވަޒަންކުރުމުގެ ކަންކަން ހަރުދަނާވެގެންދާނެއެވެ. އަދި ލޭ ލިބިގަންނަ ބަލިމީހުންގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމަށް ބޭނުންވާ ޚާއްޞަ މިންގަނޑުތަކާއި އުސޫލުތައް ވެސް މި ގައިޑްލައިނުގެ ދަށުން ޤާއިމުވެގެންދާނެ ކަމަށް އެ ވުޒާރާއިން ބަޔާންކުރެއެވެ.
މި މުހިންމު ލިޔެކިޔުންތައް އެކުލަވާލުމުގައި އެހީތެރިވެދެއްވި ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، ނޭޝަނަލް ބްލަޑް ކައުންސިލުން ވަނީ މި މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވި ޓެކްނިކަލް ވަރކިންގ ކޮމިޓީތަކަށް ޝުކުރު އަދާކޮށްފައެވެ.
މީގެއިތުރުން، މި މިންގަނޑުތައް އެކުލަވާލުމަށް ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އިދާރާތަކަށް ވެސް ނޭޝަނަލް ބްލަޑް ކައުންސިލުން ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ)، އިންޓަރނޭޝަނަލް ސޮސައިޓީ އޮފް ބްލަޑް ޓްރާންސްފިއުޝަން، ދަ ހޮންކޮންގ ރެޑް ކްރޮސް ބްލަޑް ޓްރާންސްފިއުޝަން ސަރވިސް، އަދި ތައިލެންޑުގެ ނޭޝަނަލް ބްލަޑް ސެންޓަރު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!