އެމެރިކާއާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ކުރި ހަނގުރާމައިގައި، އެ ގައުމުގެ 70 އާއި 80 އާ ދެމެދުގެ އަދަދަކަށް މަތިންދާބޯޓަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށާއި، އޭގެ ތެރެއިން 20 އާއި 30 އާ ދެމެދުގެ އަދަދަކަށް ބޯޓު އެއްކޮށް ހަލާކުވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ގައުމީ އެއާލައިން "އީރާން އެއާ" އިން ހާމަކޮށްފިއެވެ.
އީރާނުގެ ސެމީ-އޮފިޝަލް ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ''ހޯމާ''ގެ ނަމުން ވެސް މަޝްހޫރު އީރާން އެއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ތޯހިރު އަބްދުލްހާއީ މިކަން ހާމަކުރެއްވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ހަނގުރާމަ ފެށުމުގެ ކުރިން އެ ގައުމުގައި އޮޕަރޭޓް ކުރަމުން ދިޔައީ 130 އާއި 140 އާ ދެމެދުގެ އަދަދެއްގެ ބޯޓު ކަމަށާއި، އޭގެ ތެރެއިން ބޮޑު އަދަދެއް ހަނގުރާމައިގެ ތެރޭގައި ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތޯހިރު ވިދާޅުވި ގޮތުގައި އީރާނުގެ އުދުހުންތަކުގެ ޚިދުމަތަށް ގާތްގަނޑަކަށް 1،000 ފަސިންޖަރު ބޯޓު ބޭނުންވި ނަމަވެސް، މިވަގުތު އެ ގައުމުގައި އޮތީ އެންމެ 300 އެއްހާ ބޯޓެވެ. އަދި އިސްރާއީލުން ދިން ހަމަލާތަކުގައި އީރާން އެއާގެ މަތިންދާބޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެހެން އެއާލައިންތަކުގެ ބައެއް ބޯޓުތަކަށް ވަކިވަކި މިސައިލް ހަމަލާތައް އަމާޒުވި ނަމަވެސް، އީރާން އެއާގެ ބޯޓެއް އެއްކޮށް ސުންނާފަތިވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބައިނަލްއަގުވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާން އެއާގެ އޮޕަރޭޝަންތައް ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންދާ ކަމަށް ސީއީއޯ ވިދާޅުވިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ދަތުރުތައް ކުރެވޭ ބޯޓުތަކުގެ އަދަދު މަދުވެ، ފައިދާވާ ރޫޓުތަކަށް ދަތުރުކުރުމަށް ވަނީ ހުރަސްއެޅިފައެވެ. މީގެއިތުރުން ސްޕެއާ ޕާޓްސް ހޯދުމުގެ ދަތިކަމާއި، މާލީ ދަތިތަކާއި، މުވައްޒަފުންނާ ގުޅޭ ގޮންޖެހުންތަކަކީ ވެސް އެ އެއާލައިނަށް ކުރިމަތިވެފައިވާ މައިގަނޑު ހުރަސްތައް ކަމުގައި އޭނާ ބަޔާންކުރެއްވިއެވެ.
އީރާން އެއާގައި މިހާރުވެސް 9،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނައިރު، އޮޕަރޭޓްކުރާ ބޯޓުތަކުގެ އަދަދު މަދުވަމުންދާތީ މަސައްކަތުގެ ހިންގުން ހަރުދަނާކުރަން ޖެހިފައިވާ ކަމަށް ތޯހިރު ވިދާޅުވިއެވެ. އަދި އެ އެއާލައިނަކީ ހަމައެކަނި ވިޔަފާރި އުދުހުންތަކެއްގެ އިތުރުން ގައުމީ ސްޓްރެޓީޖިކް މަސްލަހަތުތަކާ ގުޅިފައިވާ ތަނަކަށް ވާތީ، ގައުމީ އެއާލައިން ޕްރައިވެޓައިޒް ކުރުމާ ދެކޮޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީރާން އެއާގެ ވެރިޔާ މި މައުލޫމާތުތައް ހާމަކުރައްވާފައި މިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އަސްކަރީ އަދި މަދަނީ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އާ ބޯޓުތަކާއި، ސްޕެއާ ޕާޓްސްގެ އިތުރުން މަރާމާތުގެ ހިދުމަތްތަކާއި ބައިނަލްއަގުވާމީ މާލީ ވަސީލަތްތައް ހޯދުމަށް އީރާނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
އެމެރިކާއިން 2018 ވަނަ އަހަރު ނިއުކްލިއާ އެއްބަސްވުމުން ވަކިވެ، އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެން ބޮއިންގް އަދި އެއާބަސް ފަދަ ކުންފުނިތަކުން ބޯޓު ގަތުމަށް ކުރި މަސައްކަތްތަކަށް ބުރޫއެޅުނެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ މަތިންދާބޯޓުތައް ބޭނުންނުކުރެވި ގްރައުންޑްކުރަން ޖެހި، ބޯޓުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހަރަދުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!