ހދ. ހަނިމާދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 500 ހައުސިން ޔުނިޓާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި ތިމާވެށީގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މި މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަޝްރޫޢުއެކެވެ.

Ad
rt

ހަނިމާދޫ ކައުންސިލުން ބުނީ މި މަޝްރޫއާ ގުޅޭ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ އީއައިއޭ ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓް ތައްޔާރުކުރުމުގެ މަރުހަލާގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ނުހަނު ބޭނުންވާ ކަމަށް ވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

މިގޮތުން، މި މަޝްރޫއާ މެދު ރައްޔިތުން ދެކޭގޮތާއި ތިމާވެށީގެ ގޮތުން އެއްވެސް ކަންބޮޑުވުމެއް އޮތްނަމަ އެކަންކަން ހިއްސާކުރުމަށް ވަނީ އެދިފައެވެ. އެ މައުލޫމާތުތައް ކައުންސިލާ ހިއްސާކުރުމަށް ހަމަޖައްސާފައިވަނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމެއް މެދުވެރިކޮށެވެ.

މި މަޝްރޫއާ ގުޅޭގޮތުން ހަނިމާދޫ ކައުންސިލްގެ ހިޔާލު ހޯދުމަށްޓަކައި ހައުސިން މިނިސްޓްރީން ވަނީ ހުސްވި ހަފުތާގެ ތެރޭގައި އެ ކައުންސިލާ އެކު ބައްދަލުވުމެއް ބާއްވާފައެވެ. ހަނިމާދޫގައި އަޅާ 500 ހައުސިން ޔުނިޓް، ނުވަ ބުރީގެ ތިން ޓަވަރާއި 10 ބުރީގެ ދެ ޓަވަރުގެ ގޮތުގައި ކުރިއަށްގެންދަން ނިންމާފައިވާކަން މިނިސްޓްރީން ކައުންސިލާ ހިއްސާކޮށްފައިވަނީ އެ ބައްދަލުވުމުގައެވެ.

ހަނިމާދޫ ހިމެނޭހެން ރާއްޖޭގެ 57 ރަށެއްގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައިވަނީ 22 އޭޕްރިލް 2025 ގައެވެ. މި އިއުލާނުގެ ދަށުން ބޮޑުތިލަދުންމަތީގެ އެހެން ބައެއް ރަށްރަށުގައި ވެސް ހައުސިން ޔުނިޓްތައް އެޅުމަށް ވަނީ ހިމަނައިފައެވެ.

އެގޮތުން ބޮޑުތިލަދުންމަތީގެ ރަށްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ސިޓީގައި 2،000 ހައުސިން ޔުނިޓް އަދި ހދ. ނޮޅިވަރަންފަރުގައި 250 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އިހަވަންދޫ އަދި ށ. މިލަންދޫ، މިއިން ކޮންމެ ރަށެއްގައި 200 ހައުސިން ޔުނިޓް އެޅުމަށް ވަނީ އިއުލާނުކޮށްފައެވެ.

މީގެ އިތުރުން ށ. ފޯކައިދޫގައި 150 ހައުސިން ޔުނިޓް އަދި ހދ. މަކުނުދޫގައި 100 ހައުސިން ޔުނިޓް އެޅުމަށް ހިމަނާފައިވާއިރު، ހދ. ނެއްލައިދޫގައި 60 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމައިފައެވެ. އަދި ހއ. ކެލާ، ހއ. އުތީމު، ހދ. ކުރިނބީ އަދި ށ. ކޮމަންޑޫ، މިއިން ކޮންމެ ރަށެއްގައި 50 ހައުސިން ޔުނިޓް އެޅުމަށް ވެސް ވަނީ ހުޅުވާލައިފައެވެ.

މި މަޝްރޫއުގެ އިތުރުން، ހަނިމާދޫގެ ބޯހިޔާވަހިކަމުގެ ބޭނުމަށް އެ ރަށުން 2،000 އަކަފޫޓުގެ 300 ގޯތި ދޫކުރުމަށް ވެސް އެ ރަށު ކައުންސިލުން ވަނީ މި މަހުގެ 14 ވަނަ ދުވަހު ފާސްކޮށްފައެވެ.