ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލާފައިވަނީ އެ އޮތޯރިޓީގެ ބޯޑުގައި ހިމެނޭ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަޤާމު ހުސްވެފައިވާތީއެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުންނެވެ.

އެގޮތުން މި ފުރުޞަތު ހުޅުވާލާފައިވަނީ، ލާމަރުކަޒީ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (iii) ގެ ދަށުން ކަމަށް އެ އޮފީހުން މަޢުލޫމާތުދެއެވެ.

އެލްޖީއޭގެ ބޯޑު މެންބަރުކަމުގެ މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މި މަޤާމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ފޯމު ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށެވެ.

މި ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު، ފޯމު ބަލައިގަތުމުގެ އެންމެ ފަހު މުއްދަތަކީ 1 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހެވެ.