ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ސުލްހައިގެ މެދުވެރިއަކަށް ވުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޑރ. އަފްރާޙް އަލްޒޫބާ ދެކޮޅުހައްދަވައިފިއެވެ.
އޭނާ ވަނީ ހޫޘީ ހަނގުރާމަވެރިންނަށް ހަތިޔާރާއި ފައިސާ ފޯރުކޮށްދީގެން ހަނގުރާމަ އިތުރަށް ހުޅުވައި، ސަރަހައްދީ ކުރިމަތިލުންތަކުގައި ޔަމަނަކީ ސިޔާސީ މަންފާ ހޯދަން ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ތެހެރާނުން ބޭނުންކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ.
އެކްސް މަންސައިގައި "ތެހެރާނުގެ ވެރިކަމަކީ ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ބައިވެރިއެއް، މެދުވެރިއެއް ނޫން" މި ސުރުޚީގެ ދަށުން ޝާއިއުކުރެއްވި ބަޔާނެއްގައި އަލްޒޫބާ ވިދާޅުވީ، އީރާނުގެ އަސްކަރީ އަދި މާލީ އެހީތެރިކަމާއެކު ދިގުދައްމަމުންދާ ހަނގުރާމައެއްގައި، އިތުބާރު ހުރި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ހައިސިއްޔަތެއް ތެހެރާނަށް ނޯންނާނެ ކަމަށެވެ.
"އީރާނުގެ ޚާރިޖީ ވަޒީރާއި އެ ގައުމުގެ އިސް ވެރިން ޔަމަނުގެ ކަންކަމުގައި 'މެދުވެރިއަކަށް' ވާން ހުށަހަޅުއްވާއިރު، އެ ބޭފުޅުން މެދުވެރިވާން އެ އުޅެނީ އެމީހުންގެ ވެރިކަމުގެ ބާރުގައި ހޫޘީ ޓެރަރިސްޓް މިލީޝިއާއިން ގެނައި ބަޣާވާތުން އުފެދުނު ހަނގުރާމައަކަށެވެ،" އަލްޒޫބާ ލިޔުއްވާފައިވެއެވެ.
ޚާރިޖީ ވަޒީރު ވަނީ ހޫޘީންނަށް މިސައިލާއި، ޑްރޯނާއި، އަސްކަރީ ތަޖުރިބާގެ އިތުރުން ފައިސާ ފޯރުކޮށްދެނީ ތެހެރާނުން ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ސުލްހައިގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ހަނގުރާމަވެރިންނަށް ދޭ އެހީތައް ހުއްޓާލައި، ޔަމަނުގެ ސިޔާދަތަށް އިހުތިރާމްކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކަށް އީރާނުން ބޯލަނބަންޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އީރާނުގެ މި ވާހަކަތަކަކީ ޔަމަނުގެ ރައްޔިތުންނަށާއި، އީރާނުގެ ހަތިޔާރުން މަރުވި މީހުންގެ އާއިލާތަކަށް ކުރި ފުރައްސާރައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޔަމަނުގެ ވަގުތީ ވެރިރަށް އަދަންގައި ހުންނަ ރިޔާސީ ގަނޑުވަރަށާއި ސަރުކާރުގެ މައި އިދާރާތަކަށާއި އެއާޕޯޓަށް ހޫޘީން ހަމަލާތައް ވަރުގަދަކޮށްފައިވާ ކަމަށް އަލްޒޫބާ ވިދާޅުވިއެވެ. އަދި ތާއިޒް ހިސާރުކޮށް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބަޑިޖެހުމާއި، މާރިބާއި އެހެނިހެން ސަރަހައްދުތަކުގެ އާންމުންނަށް އަމާޒުކޮށް ހަމަލާދިނުމުގެ އިތުރުން، ސައޫދީ އަރަބިއްޔާގެ އެއާޕޯޓްތަކަށާއި އާންމު ވަސީލަތްތަކަށް ހަމަލާދެމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ނުރައްކާކޮށް، ސަރަހައްދީ ސަލާމަތްތެރިކަން ނަގާލުމަށް އީރާނުން ހޫޘީން ބޭނުންކުރަމުންދާ ކަމަށްވެސް ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން ސިޔާސީ ހައްލަކަށް ވާސިލުވުމަށް ސައޫދީ އަރަބިއްޔާއިން ހުށަހެޅި މަގުޗާޓު ހިމެނޭހެން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހައިގެ މަސައްކަތްތަކަށް ހޫޘީން ދެކޮޅުހަދަމުންދާ ދަނޑިވަޅެއްގައި އީރާނުން މިފަދަ ހުށަހެޅުމެއް ގެނައުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް އަލްޒޫބާ ވިދާޅުވިއެވެ. އަދި މަސްލަހަތު ފިނިކުރުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައިގެން ހޫޘީން ވަނީ އަލުން ޖަމާއަތް ހަދައި، އެމީހުންގެ ހަތިޔާރުގެ ގުދަންތައް ވަރުގަދަކޮށްފައި ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުން އީރާނަށް ކުރިމަތިކުރާ ޕްރެޝަރުގެ ނަތީޖާ ޔަމަނަށާއި އަވަށްޓެރި ގައުމުތަކުގެ ބޮލަށް އަޅުވަން ތެހެރާނުން މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ.
ހޫޘީންނަކީ "ޔަމަނުގެ ހަތިޔާރުއެޅި ސިފައިން" ކަމަށް އީރާނުން ސިފަކުރާ ސިފަކުރުން އަލްޒޫބާ ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ހޫޘީންނަކީ ޔަމަނު ތަމްސީލުކުރާ ބައެއް ނޫން ކަމަށާއި، ރައްޔިތުންގެ ފަރާތުން ނިންމުންތައް ނިންމުމުގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް އެ ޖަމާއަތަށް ލިބިގެން ނުވާ ކަމަށެވެ. އަދި ހޫޘީންނާ މުއާމަލާތު ކުރުމަކުން އެމީހުންނަށް ގާނޫނީ ހައިސިއްޔަތެއް ނުލިބޭނެ ކަމަށާއި، އެ ޖަމާއަތަކީ އަމިއްލަ އިޚުތިޔާރުގައި ހަރަކާތްތެރިވާ ބައެއް ކަމަށް ބުނެ އީރާނަށް ޒިންމާއިން ރެކެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ. އަދި ހޫޘީންނާ ދެކޮޅަށް އަޅާފައިވާ ބައިނަލްއަގުވާމީ ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ހުރަސްއެޅުމަށް ދައްކާ ބަހަނާތައްވެސް އޭނާ ދެކޮޅުހެއްދެވިއެވެ.
ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި، ސައޫދީ އަރަބިއްޔާގެ ވެރިންނަށާއި ސަރުކާރަށް އަދި ރައްޔިތުންނަށް ޔަމަނުގެ ފުރިހަމަ ތާއީދު އޮތްކަން ތަކުރާރުކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ގައުމުގެ ސަލާމަތް ދިފާއުކޮށް، ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރިކުރުމަށް ސައޫދީއަށް ލިބިގެންވާ ހައްގަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ވަނީ ގުޅިލާމެހިފައި،" އަލްޒޫބާ ވިދާޅުވިއެވެ. އޭނާ ވަނީ ސައޫދީން ޔަމަނަށް ފޯރުކޮށްދޭ އިގުތިސާދީ، އިންސާނީ އަދި ތަރައްގީގެ އެހީތައް ފާހަގަކުރައްވައި، ސައޫދީއަކީ ސާބިތުކަމާއެކު އެހީތެރިވާ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ހޫޘީންނަށް ހަތިޔާރުދީ، ހަމަލާތަކަށް ވާގިވެރިވެގެން ޔަމަނު ރައްޔިތުންގެ ތަކުލީފުތައް ބޮޑުކުރަނީ އީރާނުން ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!