ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

''ދަ ނޭޝަންސް ޕާކިސްތާން'' އާއި ''ދަ ނިއު ޕާކިސްތާން'' ފަދަ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މިއީ ވޭތުވެދިޔަ 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ގާތްގަނޑަކަށް 12 އެއްބަސްވުމެއްގައާއި ފަހުމުނާމާގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފައެވެ.

Ad
rt

އިސްލާމްއާބާދަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ވަކިވަކިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ފެންވަރުގެ ވަފުދުތަކުގެ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޑިޕްލޮމެޓިކް މަސްދަރުތަކާ ހަވާލާދީ އެ ޤައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ދަތުރުފުޅުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމުގެ މުހިންމު އެއްބަސްވުން ހިމެނެއެވެ. މީގެއިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމާއި، ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ގުޅިގެން މަސައްކަތް ކުރުމަށް ދެ ޤައުމުން އެއްބަސްވުންތައް އެކުލަވައިލާނެއެވެ. ހަމައެއާއެކު ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކުގެ ދާއިރާއިންނާއި، ދިފާޢީ އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ.

ދެ ޤައުމުގެ މަޝްވަރާތަކުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކަށް ވެސް ޚާއްޞަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ހަރަކާތްތައް އަލުން ދިރުވައި ހިންގުމާ ގުޅޭގޮތުންނާއި، އދ. އަދި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގައި ޚާއްޞަ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޚާރިޖީ ވަޒީރު އިސްޙާޤް ދާރުގެ ރިޔާސަތުގައި އިސްލާމްއާބާދުގައި ބޭއްވެވި މި ބައްދަލުވުމުގައި، ދަތުރުފުޅުގެ އެޖެންޑާގައި ހިމެނޭ މައިގަނޑު ކަންކަން ވަނީ މުރާޖަޢާ ކުރައްވާފައެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނީ، މި ބައްދަލުވުމުގައި ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ޞިއްޙަތާއި، ތަޢުލީމާއި، މޫސުމީ ބަދަލުތަކާއި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކުގެ ދާއިރާއިން ގުޅުން ފުޅާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާ ކަމަށެވެ.

ޚާރިޖީ ވަޒީރު އިސްޙާޤް ދާރު ވިދާޅުވީ، މި ޒިޔާރަތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކޮށް، ދެފަރާތަށް ވެސް ފައިދާހުރި ބައިވެރިވުމެއް ކުރިއެރުވުމަށް ލިބޭ އަގުހުރި ފުރުޞަތެއް ކަމަށެވެ. އަދި ޕާކިސްތާނުގެ ސަގާފީ ހޫނު މެހެމާންދާރީ ފެންނާނެހެން ހުރިހާ އިންތިޒާމުތަކެއް ފުރިހަމަކޮށް، ދަތުރުފުޅު ކާމިޔާބު ކުރުމަށްޓަކައި ކަމާބެހޭ ހުރިހާ އިދާރާތަކުން ގާތުން ވިލަރެސްކޮށްގެން މަސައްކަތް ކުރުމަށް އޭނާ ވަނީ އިރުޝާދު ދެއްވާފައެވެ. މިއީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމަށާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަށް އައު ދިރުމެއް ގެނެސްދޭނެ ދަތުރުފުޅެއް ކަމަށް ވެސް ވަނީ ބެލެވިފައެވެ.