އއ. ރަސްދޫގައި މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 10 ގެއެއް ބަލައިފާސްކޮށް، ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

Ad
rt

މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ރަސްދޫގެ 10 ގެއެއް ބަލައިފާސްކޮށްފައިވާއިރު، އެ ގެތަކުން މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ރަސްދޫން ހައްޔަރުކޮށްފައިވަނީ އެ ރަށަށް ނިސްބަތްވާ ހަ މީހެކެވެ. އެއީ ލިލީމީޑް، މުޙައްމަދު ޢުލްވާން ރަޝީދު (21އ) އާއި، ގުލްދަސްތާގެ، އަޙްމަދު ޢަރީފު (37އ) އާއި، ހަވާމަންޒިލް، އިބްރާހީމް ދިނާން (30އ) އާއި، ފެހިވިނަ، އަޙްމަދު އިކުލީލް (37އ) ގެ އިތުރުން ކާރނޭޝަންމާގޭ، އަޙްމަދު މުޙައްމަދު (44އ) އަދި އެ ގޭ ޢަލީ ވަސީމް (44އ) އެވެ.

މީގެ އިތުރުން މި އޮޕަރޭޝަނުގައި ހދ. ކުމުންދޫ، ވިދުވަރުގެ، ލީނާ މޫސާ (23އ) އާއި، އއ. ތޮއްޑޫ، ހިކިފިނިފެންމާގެ، ރިމާޒު މުޙައްމަދު (29އ) ގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މެހެދީ ހަސަން (27އ) ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކޯޓު އަމުރެއްގެ ދަށުން މި އެންމެން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާންއާއި، ރިމާޒު މުޙައްމަދުއާއި، ޢަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން އަޙްމަދު އިކުލީލް ހަތް ދުވަހަށް، މުޙައްމަދު ޢުލްވާން ރަޝީދާއި އަޙްމަދު ޢަރީފު އަދި އަޙްމަދު މުޙައްމަދު ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާއިރު، ލީނާ މޫސާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ތިން ދުވަހުގެ މުއްދަތަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.