ހެންވޭރު ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ތަކުރާރުކޮށް މީހުންނަށް އުނދަގޫކުރާ މީހެއްގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑިއިރުގެ ފަހުން ނިންމާލައިފިއެވެ.

ސައީދު މި ހަޅުތާލު ނިންމާލީ ކަމާބެހޭ އިދާރާތަކުން އެ މައްސަލަތައް ބަލައި ފިޔަވަޅު އަޅައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިނުމާ ގުޅިގެންނެވެ.

Ad
rt

ހަޅުތާލު ނިންމާލުމަށްފަހު ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ހަޅުތާލު ހުއްޓާލަން ނިންމީ ހޯމް މިނިސްޓަރު ޢަލީ އިޙްސާން އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން ވަރަށް ބޮޑު ޔަގީންކަމެއް ލިބިވަޑައިގަތުމުން ކަމަށެވެ. މިނިސްޓަރު އިޙްސާން ވަރަށް ބޮޑު ޔަގީންކަމެއް ދެއްވި ކަމަށާއި، ޕީޖީން ވެސް ރޭ ދަންވަރު އަދި މިއަދުވެސް ގުޅުއްވައި މިކަމާއިގެން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން އޭނާއަށާއި އާއިލާއަށް ދެއްވި ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިއްޔެއާ ހަމައަށް ފުލުހުންގެ އިދާރާގައި ރަޖިސްޓްރީކޮށް ބަންދުކޮށްފައި ހުރި ގިނަ މައްސަލަތަކެއް، ވަޒީރުގެ އެންގެވުމަށް އަލުން ހުޅުވައި ބައްލަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މީގެކުރިން ހުށަހެޅިފައި ހުރެ ރަސްމީކޮށް ލޮގް ނުކުރެވި ހުރި މައްސަލަތައް އަލުން ލޮގްކުރުމުގެ ފުރުސަތު ވެސް ވަޒީރުގެ އިރުޝާދާއެކު މިއަދު ވަނީ ފަހިކޮށްދެއްވާފައެވެ. އެހެންކަމުން އެ މައްސަލަތައް ލޮގްކުރުމަށްފަހު އާއިލާއާ މަޝްވަރާކޮށް ހަޅުތާލު ނިންމާލަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިހްސާން ސައީދުގެ ކަންބޮޑުވުންތައް އަޑުއައްސަވަނީ، ފޮޓޯ: ކިޔުންތެރިއެއް

މި މައްސަލައަކީ އަޙްމަދު ފައިރިޝް ނަމަކަށް ކިޔާ މީހެއްގެ ފަރާތުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވަމުންދާ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ދުއްތުރާތަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ. ކުޑަކުދިން ތިބޭ ވަގުތުތަކުގައި ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމާއި ޖިސްމާނީ ގޮތުން ކުރިމަތިކުރަމުންދާ ގޯނާތަކުގެ ސަބަބުން ކެތްނުކުރެވިގެން، ސައީދު އެންމެ ފުރަތަމަ ހަޅުތާލު ފެއްޓެވީ ހެންވޭރު ޕޮލިސް ސްޓޭޝަންގެ އެތެރޭގައެވެ. ނަމަވެސް އެތަނުގައި 14 ގަޑިއިރު ހޭދަކުރުމަށްފަހު އެތަނުން ނުކުންނަން ޖެހުމުން، އޭނާ ހަޅުތާލު ކުރިއަށްގެންދިޔައީ ފުލުހުންގެ އިދާރާ ކައިރީ މަޖީދީމަގުގައެވެ.

ހަޅުލާތާލު ފެއްޓެވުމަށްފަހު ސައީދު އިއްޔެ ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައި ވިދާޅުވެފައި ގޮތުގައި، ކާށިމާ ހިނގުމާއި ދޫހިމެރި މަގުގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުވާ މި މީހާ އާންމުންނަށް އުނދަގޫކުރާތާ ދޮޅު އަހަރު ވެފައިވާއިރު، މުއައްސަސާތަކަށް ރިޕޯޓުކޮށް ހެކި ހުށަހެޅި ނަމަވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ މަގުމަތިން ހިނގާފައިދާ މީހުންނާ ދިމާއަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ސައިކަލުތައް މަގުމައްޗަށް ނެރެ، މަގު ބަންދުކުރަން ގެންގުޅޭ ބޯޑުތައް ދަމައި ޓްރެފިކަށް ހުރަސްއަޅާ ކަމަށް ސައީދު ވިދާޅުވެފަވެއެވެ. އަދި އެއްވެސް އިންޒާރަކާ ނުލައި މީހުންގެ ގަޔަށް ޕްލާސްޓިކް ފުޅި އުކައި، ދަންވަރުން ފެށިގެން ފަތިސްވަންދެން މެދުކެނޑުމެއްނެތި އަޑުގަދަކުރާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މީގެއިތުރުން، ޝަކުވާ ހުށަހެޅި އާއިލާ ދިރިއުޅޭ ގެއަށް ކުނި އަޅާފައިވާ މަންޒަރު ދެ ފަހަރެއްގެ މަތިން ކެމެރާއަށް ރެކޯޑުކުރެވިފައިވާ ކަމަށާއި، ބެލްކަނީގައި ހުރެގެން މަގުމަތިންދާ މީހުންގެ ގަޔަށާއި ސައީދުގެ ގަޔަށްވެސް ތެލާއި ފެން އުކާފައިވާ ކަމަށް ޕޯސްޓުގައިވެއެވެ. ހަމައެހެންމެ، އެ މީހުން ދިރިއުޅޭ އިމާރާތަށް މީހުން ވަންނަ ވަގުތު ބަލައި، ފަހަތުން ވަގަށް އެތެރެއަށް އެތައް ފަހަރަކު ވަދެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. މިފަދަ ކަންކަމުން އާއިލާ ރައްކާތެރިކޮށްދިނުމުގައި މުއައްސަސާތައް ނުކުޅެދިފައިވާތީ، އާއިލާއަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދި ސައީދު ވަނީ ގޮވާލާފައެވެ.

ހަޅުތާލު ނިންމާލުމަށްފަހު ސައީދު ވަނީ މި މައްސަލައިގައި އަޑުއުފުލައި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްދިން މީޑިއާތަކަށާއި ސޯޝަލް މީޑިއާގެ އެކި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހާއްސަކޮށް އެ ދާއިރާގެ މަޖިލިސް މެންބަރު އިސްމާއިލް ނިޒާރު، މާލެ ވަޑައިގެންނެވި ގޮތަށް ރޭގަނޑުން ފެށިގެން ހެނދުނާ ހަމައަށް ސައީދާއެކު ވަގުތު ހޭދަކުރައްވައި ދެއްވި ހިތްވަރަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން ސައީދުގެ އާއިލާއާއި އަވަށްޓެރިންގެ ފަރާތުން ލިބުނު އެއްބާރުލުންވެސް އޭނާ ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.