ފައިގެ ފަލަމަސްގަނޑަށް (ހެމްސްޓްރިންގް) ލިބުނު އަނިޔާއެއްގެ ސަބަބުން، ވާދަވެރި އޭސީ މިލާނާ ދެކޮޅަށް ކުޅޭ ޑާބީ މެޗު ހިމެނޭހެން އިންޓަ މިލާނުން ކުރިއަށް އޮތް ތަނުގައި ކުޅޭނެ ހަތް މެޗު އެ ޓީމުގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒަށް ގެއްލޭނެ ކަން ގާތްގަނޑަކަށް ކަށަވަރުވެއްޖެ އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހު ކްލަބް ބްރޫޖާ ދެކޮޅަށް ކުޅެ 4-3 އިން އިންޓަ ބަލިވި މެޗުގައި އާޖެންޓީނާގެ ފޯވާޑް ވަނީ މެޗުގެ ފުރިހަމަ ވަގުތު ކުޅެ، ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ބުރާސްފަތި ދުވަހު ހެދި މެޑިކަލް ޓެސްޓުތަކުން ދައްކާފައިވަނީ އޭނާގެ ވާތު ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށެވެ.
އިންޓަގެ ކޯޗު ކްރިސްޓިއަން ކީވޫ ހުކުރު ދުވަހު ބުނީ ލައުޓާރޯ ކުޅުމާ ދުރުގައި ދުވަސްކޮޅަކު ހުންނަން ޖެހޭނެ ކަމަށެވެ. "އަހަންނަކީ ޑޮކްޓަރެއް ނޫން. އަހަންނަށް ދީފައިވަނީ އޭނާ ރަނގަޅުވާނެ ކަމަށް ބެލެވޭ މުއްދަތެއް. އިންޓަނޭޝަނަލް ބްރޭކަށް ފަހު އޭނާ އެނބުރި އަންނާނެ ކަމަށް ބެލެވެނީ،" ކީވޫ ބުންޏެވެ.
މި އަނިޔާއާ ގުޅިގެން ހޮނިހިރު ދުވަހު ރަށުން ބޭރުގައި ބޮލޯނިއާއާ ދެކޮޅަށް ކުޅޭ މެޗާއި، އަންނަ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ޝަޚްތަރު ޑޮނެޓްސްކާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ނުކުޅޭނެކަން ވަނީ ޔަގީންވެފަ އެވެ.
މީގެ އިތުރުން، އޮކްޓޫބަރު 31 ގައި އޭސީ މިލާނާ ދެކޮޅަށް ކުޅޭ ޑާބީ މެޗުގެ ކުރިން ފިއޮރެންޓީނާ އަދި ވެނެޒިއާއާ ދެކޮޅަށް ކުޅޭ މެޗުތައް ވެސް ލައުޓާރޯ އަށް ގެއްލޭނެ އެވެ. އަދި އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ފެޔަނޫޑާއި ކޯމޯއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ވެސް އޭނާއަށް ނުކުޅެވޭނެ އެވެ. އިންޓަނޭޝަނަލް ބްރޭކަށް ފަހު އިންޓައިން ކުޅޭ ފުރަތަމަ މެޗުގައި ނޮވެމްބަރު 22 ގައި ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.
މި ސީޒަނުގެ ޗެމްޕިއަންސް ލީގާއި ސެރީ އާ ގައި ކުޅުނު ހަތް މެޗުން ލައުޓާރޯ ވަނީ މިހާތަނަށް ހަ ލަނޑު ޖަހައިފަ އެވެ. އޭނާއަކީ 17 ލަނޑާ އެކު މިދިޔަ ސީޒަނުގެ ސެރީ އާ ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. މިއީ އޭނާ އެ އެވޯޑު ހޯދި ދެވަނަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!