ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އައި ކަރަންޓުގެ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، އެ ޚިދުމަތް ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ، ރައީސްގެ ނިންމެވުމާ އެއްގޮތަށް ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މިހާރު އެ ކުންފުނިން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ރަސްމީކޮށް ފަށައިގަނެ، ކުރިއަށް ގެންދާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
ޚިދުމަތާ ހަވާލުވުމަށްފަހު، އެ ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ހަވާލުވި ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން، ސްޓެލްކޯގެ މައިގަނޑު އަމާޒަކީ ހއ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ކަށަވަރުކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ހއ. އަތޮޅުގެ ޚިދުމަތްތަކާ ސްޓެލްކޯއިން މި ހަވާލުވީ، މީގެކުރިން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާވެސް އެ ކުންފުނިން ރަސްމީކޮށް ހަވާލުވެފައި ވަނިކޮށެވެ.
ރަށްރަށުގެ ޚިދުމަތްތައް ބަދަލުކުރުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ، އެ ކުންފުނީގެ އުއްމީދަކީ ރަށްރަށުގެ ކަރަންޓުގެ ހާލަތު އާންމުން ޤަބޫލުކުރާ ފެންވަރަށް ރަނގަޅުކޮށްދިނުން ކަމަށެވެ.
ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް މި ޚިދުމަތްތައް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ހިންގުމުގެ ޚަރަދު ކުޑަކޮށް، ހަރުދަނާ ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!