އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއަށް ބޮޑު އިސްކަމެއް ދީގެން، ގައުމުން ބޭރުކުރުން ކޮންޓްރޯލްކުރާ މުހިންމު 40 ޓެކްނޮލޮޖީއެއްގެ ލިސްޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ޗައިނާ ސަރުކާރުން ހުށަހަޅައިފި އެވެ.
މި ބަދަލުތައް ހުށަހަޅާފައި ވަނީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް (މޮފްކޮމް) އަދި މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީންނެވެ.
އެކުލަވާލާފައިވާ އައު އިސްލާހުތަކުގައި ހިމެނޭ 40 ޓެކްނޮލޮޖީގެ ތެރެއިން 23 ޓެކްނޮލޮޖީއަކީ ސީދާ އޭއައިއާ ގުޅުންހުރި ކަންކަމެވެ. މީގެ ތެރޭގައި ލާޖް ލެންގުއޭޖް މޮޑެލްތަކާއި (އެލްއެލްއެމް)، އިންޓެލިޖެންޓް އޭޖެންޓުންގެ އިތުރުން ކޮމްޕިއުޓިން ކްލަސްޓާތައް ހިމެނެ އެވެ.
މި އުސޫލުގެ ދަށުން އަލަށް ގެނެވޭ އެންމެ ބޮޑު އެއް ބަދަލަކީ، އެންމެ ފެންވަރު މަތީ އޭއައި މޮޑެލްތަކުގެ މޮޑެލް ވެއިޓްސް، ސޯސް ކޯޑު، ޗެކްޕޮއިންޓްސް އަދި އާކިޓެކްޗާ އެހެން ގައުމުތަކަށް ބޭރުކުރުން ވަރަށް ބޮޑަށް ހަނިކުރުމެވެ. މި ހިފެހެއްޓުންތައް އަމާޒުކުރެވެނީ ދެ ޓްރިލިއަން ޕެރަމީޓަރަށް ވުރެ ގިނަ މިންވަރަކަށް ތަމްރީނުކޮށްފައިވާ ނުވަތަ ދުނިޔޭގެ ގަދަ 10 ގައި ހިމެނޭ ފަދަ ވަރުގަދަ މޮޑެލްތަކަށާއި، ނާޒުކު އަދި މުހިންމު ޒާތީ މަޢުލޫމާތުތަކަށް ("ކޯ ޑޭޓާ") ބިނާކޮށް ތައްޔާރުކޮށްފައިވާ މޮޑެލްތަކަށެވެ.
މީގެއިތުރުން، އެޑްވާންސްޑް ސެމީކޮންޑަކްޓާ ޑިޒައިން ކުރުމުގެ ޓެކްނޮލޮޖީތަކަށް ވެސް މި ޑްރާފްޓްގައި ހުރަސްތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން 14 ނެނޯމީޓަރު ނުވަތަ އެއަށް ވުރެ ކުދި ސައިޒުތަކުގެ އޭއައި ޗިޕްތައް އުފެއްދުމުގެ ޑިޒައިން އިލްމާއި، 2.5ޑީ އަދި 3ޑީ ޕެކޭޖިން ޓެކްނިކްސް ބޭނުންކޮށްގެން އުފައްދާ ޗިޕްތަކާއި ހާއްސަ މެމޮރީ ޑިޒައިންތައް އެހެން ގައުމުތަކަށް ބޭރުކުރުން މީގެ ތެރޭގައި ހިމެނެ އެވެ.
މި ހުރަސްތަކުން ބައެއް ކަންކަން އިސްތިސްނާކޮށްފައިވެ އެވެ. އެގޮތުން އާންމުކޮށް ލިބެން ހުންނަ އޯޕަން ސޯސް ކޯޑުތަކާއި ޝާއިއުކޮށްފައިވާ އިލްމީ ދިރާސާތައް މި ގަވާއިދަކުން ނުހިފަހައްޓަ އެވެ. އަދި އެޕްލިކޭޝަންތަކާއި، ވެބްސައިޓްތަކާއި، އޭޕީއައި (API) އަދި ސާސް (SaaS) މެދުވެރިކޮށް ބޭރު ގައުމުތަކުގެ ބޭނުންތެރިންނަށް ހިދުމަތް ދިނުމުގެ ހުއްދަ ޗައިނާގެ ކުންފުނިތަކަށް އޮންނާނެ އެވެ. ނަމަވެސް، މި ލިސްޓުގައި ހިމެނޭ މޮޑެލްއެއް ބޭރު ގައުމެއްގެ ސާވަރެއްގައި ވަކިން ހޯސްޓްކުރުން ބެލެވޭނީ ގައުމުން ބޭރުކުރުމެއް ނުވަތަ އެކްސްޕޯޓެއްގެ ގޮތުގަ އެވެ.
މި އިސްލާހުތަކާ ގުޅޭގޮތުން ހިޔާލު ހޯދުމުގެ ފުރުސަތު 15 ނޮވެމްބަރު 2026 ގެ ނިޔަލަށް ހުޅުވާލާފައި ވީނަމަވެސް، މީގެ ދަށުން އަންނަ ހުރިހާ ޓެކްނޮލޮޖީއެއް ބޭރުކުރުމުގެ ކުރިން ވަގުތީ ގޮތުން ރަޖިސްޓްރީވާން ޖެހޭ އުސޫލަކަށް މިހާރު ވަނީ ވަގުތުން އަމަލުކުރަން ފަށައިފަ އެވެ. މި ވަގުތީ އުސޫލު ހިނގާނީ މިހާރު ކުރިއަށްދާ މުއާމަލާތްތަކާއި، އިންޓެލެކްޗުއަލް ޕްރޮޕަޓީ (އައިޕީ) ބަދަލުކުރުމާއި، ބޭރުގެ ލައިސެންސިން އެއްބަސްވުންތަކަށެވެ. ޗައިނާ ސަރުކާރުން ބުނެފައި ވަނީ މިއީ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށާއި، ގައުމީ ސަލާމަތް ރައްކާތެރިކުރުމަށާއި، ކުރިއަރާފައިވާ އޭއައި އިންސާނުންގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމުގެ އިތުރުން ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުގެ އެކްސްޕޯޓް އުސޫލުތަކާ އެއްހަމަކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!