މާލޭގެ ކާނޭޝަން މަގު ގޯޅިގަނޑެއްގެ ތެރޭގައި ހުރި ސައިކަލެއްގެ އަސްލު ނަންބަރު ބޯޑު ނައްޓައި، އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ސައިކަލު ވަގަށް ނަގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބެލުމުގެ ދަށަށް ގެނެސްފައިވަނީ 45 އަހަރުގެ ދެ ފިރިހެނުންނާއި 39 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި ތިން މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

Ad
rt

މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 03:55 އެހައިކަންހާއިރުއެވެ. އެ ވަގުތު މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންގެ ބީޓަކަށް ކާނޭޝަން މަގު ގޯޅިގަނޑެއްގެ ތެރޭގައި ސައިކަލެއް ކައިރީ ތިން މީހަކު ހަރަކާތްތެރިވަމުންދާތަން ފެނިގެން ވަނީ އެ ސަރަހައްދަށް ގޮސް ބަލައިފާސްކޮށްފައެވެ.

ފުލުހުން އެ ސަރަހައްދަށް ދިޔަ ވަގުތު، އޭގެ ތެރެއިން އެކަކު ސައިކަލަށް އަރައިގެން ކާނޭޝަން މަގަށް ނެރެން އުޅެނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވައި ސުވާލުކޮށްފައެވެ. ސުވާލުކުރުމުން އެ ސައިކަލަކީ އޭނާގެ ދައްތަގެ ފިރިމީހާގެ ސައިކަލެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ ވަގުތު ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑުގެ މައުލޫމާތު އޭނާ ދެއްކި ވާހަކައާ ދިމާވި ނަމަވެސް، އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ތުހުމަތުކުރެވިގެން ފުލުހުން ވަނީ ސައިކަލުގެ އިންޖީނު ނަންބަރު ޗެކްކޮށްފައެވެ.

އިންޖީނު ނަންބަރު ދިމާނުވުމުން ފުލުހުންގެ ކޮމާންޑް ސެންޓަރު މެދުވެރިކޮށް ބެލިބެލުމުން، އެ ސައިކަލުގެ އަސްލު ރަޖިސްޓްރީ ނަންބަރަކީ އެހެން ނަންބަރެއްކަން ވަނީ ކަށަވަރުވެފައެވެ. މީގެއިތުރުން، އެ ގޯޅިގަނޑު ތެރޭގައި ސައިކަލު ޕާކުކޮށްފައި ހުރި ސަރަހައްދު ފުލުހުން އިތުރަށް ބަލައިފާސްކުރިއިރު، އެ ސަރަހައްދުގެ ކާނުގަނޑެއްގެ ތެރެއަށް ސައިކަލުގެ އަސްލު ނަންބަރު ބޯޑު އެއްލާލާފައި އޮއްވާ ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ސައިކަލު ވަނީ ޓޯކޮށްފައެވެ. އަދި ސައިކަލު ވަގަށް ނެގުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތަޅުދަނޑިއާއި، ކާނުގަނޑު ތެރެއިން ފެނުނު އަސްލު ނަންބަރު ބޯޑު ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.