ޔަމަނުގެ ހޫޘީ ޖަމާއަތުން ސައޫދީ އަރަބިއްޔާގެ ފަސް އެއާޕޯޓަކަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 19 މީހަކު މަރުވެ، 364 މީހުން ޒަޚަމްވެއްޖެ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.
މި ހަމަލާތައް އަމާޒުވި އެއާޕޯޓުތަކުގެ ތެރޭގައި ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި އަބްހާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނެއެވެ.
ސައޫދީ އަލްއިޚްބާރިއްޔާ ނިއުސް ޓީވީން ދުރަށް ދެއްކި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ވިދާޅުވީ، އީރާނާ ގުޅުން އޮންނަ ހޫޘީ ޖަމާއަތުން ޖުލައި މަހުން ފެށިގެން ސައޫދީއާ ދެކޮޅަށް ފަށާފައިވާ ކުރިމަތިލުންތައް އިތުރުކުރަމުން ގޮސް، މި އޮކްޓޫބަރު މަސް ފެށުނު ފަހުން އެ ގައުމަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި، އޮކްޓޫބަރު މަސް ފެށުނު ފަހުން ރިޔާޟުގެ މައި އެއާޕޯޓު ކަމަށްވާ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އެކަނިވެސް ހޫޘީން ވަނީ 20 ހަމަލާއެއް އަމާޒުކޮށްފައެވެ. އަދި އޮކްޓޫބަރު މަހުގެ 7 އިން 11 ގެ ނިޔަލަށް އެ އެއާޕޯޓަށް ދިން ހަމަލާތަކުގައި އެކަނިވެސް 17 މީހަކު މަރުވެ، 333 މީހަކު ޒަޚަމްވެފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މީގެ އިތުރުން ސައޫދީގެ ހުޅަނގު ދެކުނުގައި އޮންނަ އަސީރު ސަރަހައްދުގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއެއްގައި ދެ މީހަކު މަރުވެ، 28 މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
ކޯލިޝަންގެ ހިސާބުތަކުން ދައްކާ ގޮތުގައި، ސައޫދީގެ ހުޅަނގު ދެކުނުގައި އޮންނަ ޖާޒާން ސަރަހައްދުގެ ކިންގް އަބްދުﷲ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ހަމަލާގައި ވެސް އިތުރު ތިން މީހަކު ވަނީ ޒަޚަމްވެފައެވެ.
ސައޫދީގެ ރަސްމީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮކްޓޫބަރު 5 ވަނަ ދުވަހުން ފެށިގެން ސައޫދީގެ ފަސް އެއާޕޯޓަކަށް ހޫޘީން ދެމުންދާ މި ހަމަލާތަކުގެ ސަބަބުން މީހުން މަރުވެ ޒަޚަމްވުމުގެ އިތުރުން، އެ ތަންތަނުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!