ހަމަނުޖެހުންތައް ހިނގަމުންދާ ހޮރްމުޒް ކަނޑުއޮޅިން ގަސްކާނާ ބޭރުކުރުމާ ގުޅޭގޮތުން އދ. އިން ހުށަހަޅާފައިވާ ޕްލޭނަކަށް އީރާނާއި އެމެރިކާއިން އަވަހަށް އެއްބަސްނުވެއްޖެނަމަ، އޭޝިއާ އަދި އެފްރިކާގެ ބައެއް ސަރަހައްދުތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އދ. ގެ އިސް އޮފިޝަލަކު އިންޒާރު ދެއްވައިފިއެވެ.
މި އެއްބަސްވުމަށް އަވަހަށް ނާދެވިއްޖެނަމަ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކުގެ ބައްދަލުވުންތަކުގެ ހަވާސާގައި ''ރޮއިޓާސް''އަށް މައުލޫމާތު ދެއްވަމުން އދ. ގެ އަންޑަ ސެކްރެޓަރީ ޖެނެރަލް ޖޯޖް މޮރެއިރާ ޑަ ސިލްވާ ވިދާޅުވީ، ގަސް އިންދާ މޫސުން ކައިރިވަމުން އަންނާތީ ކުރިއަށް އޮތް މަދު ހަފުތާތަކުގެ ތެރޭގައި ދެ ގައުމުން މި ހުށަހެޅުމަށް އެއްބަސްވުމަކީ "ވަރަށް މުހިންމު" ކަމެއް ކަމަށެވެ. އަދި ދަނޑުވެރިން މަސައްކަތްކުރަނީ ވަކި ހާއްސަ ތާވަލަކަށް ކަމަށްވުމުން ކުޑަ ލަސްވުމަކުންވެސް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސް، އަގުތައް އިންތިހާއަށް އުފުލިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހޮރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރާފައިވަނީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ފެށި ހަނގުރާމައާ ގުޅިގެން، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދީ، އެ ސަރަހައްދުގައި އެމެރިކާއާއި އީރާނާ ދެމެދު ހަމަލާތައް ބަދަލުކުރެވެމުން ދާތީއެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން، ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ ނައިޓްރޮޖަން ފާޓިލައިޒާ ކަމަށްވާ ޔޫރިއާ އަދި ކަނޑުމަގުން އުފުލާ ސަލްފާ ސަޕްލައިއަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. ހަނގުރާމައިގެ ކުރިން ދުނިޔޭގެ ޔޫރިއާގެ ތިންބައިކުޅަ އެއްބައި އަދި ސަލްފާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދަތުރުކުރީ މި ކަނޑުއޮޅި ހުރަސްކޮށެވެ. ނަމަވެސް މިހާރު ހޮރްމުޒް ހުރަސްކުރާ މަދު އުޅަނދުތަކުގައި ގަސްކާނާ ހިމެނެނީ "ވަރަށް ކުޑަ" މިންވަރަކަށް ކަމަށް ވޮޝިންޓަންގެ އިންޓަނޭޝަނަލް ފުޑް ޕޮލިސީ ރިސާޗް އިންސްޓިޓިއުޓުން ބުނެއެވެ.
މިދިޔަ މާޗު މަހު އެކުލަވާލި އދ. ގެ މެކޭނިޒަމަށް އެމެރިކާއާއި އީރާނުން އެއްބަސްވެއްޖެނަމަ، ހަތް ދުވަހާއި ދިހަ ދުވަހުގެ ތެރޭގައި އެ މަސައްކަތް އަމަލީ ގޮތުން ފެށިދާނެ ކަމަށް މޮރެއިރާ ޑަ ސިލްވާ ވިދާޅުވިއެވެ. މި ޕްލޭނުގެ ދަށުން އުޅަނދުތައް ރަޖިސްޓްރީކުރުމާއި، ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ކަންކަން ބެލެހެއްޓުމަށް އޮމާންގައި އދ. ގެ މުވައްޒަފުން ތިބޭ ކޯޑިނޭޝަން ސެންޓަރެއް ގާއިމުކުރެވޭނެއެވެ. މީގެއިތުރުން ގަލްފުގެ ބަނދަރުތަކުގައި މުދާ ބަރުކުރާ މިންވަރު ބެލުމަށް އދ. ގެ މޮނީޓަރުން ހަރަކާތްތެރިވާނެ ކަމަށާއި، ދުވާލަކު އެންމެ ފަސް އުޅަނދު މި މަގުން ދަތުރުކުރި ނަމަވެސް، އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ގައުމުތަކަށް ސަޕްލައި ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަން އަލުން ގާއިމުކުރުމަށް ފުރިހަމަ އެއްބަސްވުމަކަށް އައުމުގެ މަޝްވަރާތައް ހިނގަމުންދާއިރުވެސް އދ. ގެ މި ނިޒާމު ހިންގިދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ޖޫން މަހު އެކުލަވާލި ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ރޫޅުނު ފަހުން، ދެ ގައުމުން މެދުވެރިން މެދުވެރިކޮށް ހުށަހެޅުންތައް ބަދަލުކުރަމުން ދިޔަ ނަމަވެސް، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ މަސައްކަތް ހުއްޓިފައިވަނީ ތެހެރާނުގެ ޝަރުތުތަކާއި، ފެށުމުގައިވެސް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަން އެމެރިކާއިން ބާރުއަޅަމުންދާތީއެވެ. "އަޅުގަނޑުމެން އެ ދެ ގައުމަށް ދަންނަވަމުން މިދަނީ، ފުރިހަމަ އެއްބަސްވުމަކަށް އައުމުގެ މަޝްވަރާތައް ކުރިއަށްގެންދާ ވަގުތުވެސް، އަޅުގަނޑުމެންގެ މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ދޭށޭ،" މޮރެއިރާ ޑަ ސިލްވާ ވިދާޅުވިއެވެ.
ގަސްކާނާގެ ދަތިކަމުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައިއަށް ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، 2026 ގެ ފަހުކޮޅުން ފެށިގެން 2027 އާ ހަމައަށް ކާބޯތަކެތި ލިބުން ދަތިވެދާނެ ކަމުގެ އިންޒާރު އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ) އިން މިދިޔަ މެއި މަހު ވަނީ ދީފައެވެ. ބޭރުން ގަސްކާނާ އެތެރެކުރުމަށް މައިގަނޑު ގޮތެއްގައި ބަރޯސާވާ ދެކުނު އޭޝިއާގެ ދަނޑުވެރިންނަށް އަގުތައް އުފުލުމާއި ތަކެތި ނުލިބުމުގެ ދަތިކަން މިހާރުވެސް ތަހައްމަލުކުރަން ޖެހިފައިވާއިރު، ތެލާއި ގަސްކާނާގެ އަގުބޮޑުވުމާ ގުޅިގެން ސްޕެއިންގެ ދަނޑުވެރިންވެސް ވަނީ މަގުތަކަށް ނުކުމެ ބުދަ ދުވަހު މުޒާހަރާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!