ހދ. މަކުނުދޫގެ މައި އެއް މަގު ކަމުގައިވާ ޒިޔާރަތްމަގުގައި ހެދިފައިވާ ވަޅުގަނޑުތަކަށް ފަސްއަޅައި އެ މަގު އެއްވަރުކުރުމުގެ މަސައްކަތް، އެ ރަށު ކައުންސިލާއި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މަގު އެއްވަރުކުރުމަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. އަދި މަގުގައި ހެދިފައި ހުރި ވަޅުގަނޑުތަކަށް ފަސްއަޅައި އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެންމެން ގުޅިގެން އެކުވެރި މާހައުލެއްގައެވެ.
މި މަސައްކަތް ކުރިއަށްދިޔަ ވަގުތު، މަސައްކަތުގައި ބައިވެރިވި ފަރާތްތަކަށް އިންޓަވަލް ހަމަޖައްސައިދިނުމާއި، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ރަށުގެ އާންމު ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.
މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން މަކުނުދޫ ކައުންސިލުން ވަނީ މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވި މުއައްސަސާތަކުގެ މުވައްޒަފުންނަށާއި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ އިންޓަވަލް ހަމަޖައްސައިދިން އާންމު ރައްޔިތުންނަށް ވެސް ކައުންސިލުން ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
ޒިޔާރަތްމަގަކީ މަކުނުދޫގެ ދެ އަވަށް ގުޅުވައިދޭ މައި މަގަށް ވުމުގެ އިތުރުން، އެ ރަށުގެ ސްކޫލާއި ގިނަ އަދަދެއްގެ ފިހާރަތައް ވެސް ހުންނަ މަގެކެވެ. އެހެންކަމުން މި މަގަކީ ސްކޫލް ދަރިވަރުންނާއި އާންމު ރައްޔިތުން އެންމެ ގިނައިން ބޭނުންކުރަމުން އަންނަ އެއް މަގެވެ.
ގިނަ އަދަދެއްގެ އުޅަނދުފަހަރު ދުއްވައި، އާންމުން ހިނގާބިނގާވެ އުޅޭ މި މުހިންމު މަގު މަރާމާތުކުރެވިގެން ދިޔުމަކީ ރަށުގެ ދަތުރުފަތުރުކުރުމަށާއި ހިނގާބިނގާވެ އުޅުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ. މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ކުރި މި މަސައްކަތުން ވަނީ މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެފައިވި ދަތިތަކަށް ހައްލެއް ގެނެސްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!