ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) މާދަމާ އުފަންރަށް އުތީމަށް ދިޔުމަށް ހަމަޖެހިފައިވާއިރު އޭނާ އަށް ހޫނު މަރުޙަބާއެއް ކިޔުމަށް އުތީމު ތައްޔާރުވެއްޖެއެވެ.
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ޝަރަފްވެރި އެވޯޑާއެކު އައިހަމް އުތީމަށް ފޯރާނީ މާދަމާ ހެނދުނުއެވެ. އެހެންވެ އުތީމު ކައުންސިލުން ވަނީ މާދަމާ ހެނދުނު 8:30 އަށް އައިހަމަށް މަރުޙަބާ ކިޔުމަށް ވީހާވެސް ގިނަ ރައްޔިތުން ރަށުގެ ބަނދަރަށް އައިސްދިނުމަށް އެދިފައެވެ.
އައިހަމަށް މަރުޙަބާ ކިޔަން ނުކުންނައިރު ބޭނުންކުރުމަށް އުތީމު ކައުންސިލުން ކަނޑައަޅާފައިވާ ކުލައަކީ ރަތް ކުލައެވެ.
އައިހަމްގެ މި ކާމިޔާބީއަކީ އުތީމުގެ އިތުރުން މުޅި ބޮޑުތިލަދުންމައްޗަށް ވެސް ލިބިގެންދިޔަ ފަޚުރެކެވެ.
އައިހަމަކީ މާޒިޔާގެ ކާމިޔާބީގެ އެއް ތަނބެވެ. އަދި ގައުމީ ޓީމުގައި ވެސް އޭނާ އަދާކުރަނީ ވަރަށް މުހިންމު ރޯލެކެވެ. މީގެ ކުރިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅުމަށްފަހު އައިހަމް މާޒިޔާާ އާ ގުޅުނީ 2024 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!