ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އިރުޝާދުގެ ދަށުން، ގުޅިފައިވާ ފިޖީގެ އެއްމާބަނޑު ދެ ކުދިން ވަކިކުރުމަށް ކުރިއަށްގެންދާ 15 ގަޑިއިރުގެ އޮޕަރޭޝަން ބުރާސްފަތި ދުވަހުގެ ހެނދުނު ރިޔާޟުގައި ފަށައިފިއެވެ.

މި އޮޕަރޭޝަން ކުރަމުންދަނީ އުމުރުން 13 މަހުގެ ޖަސްޕިލީ އަދި ޑިސީސިއާ ނަމަކަށް ކިޔާ ދެ ކުދިން ވަކިކުރުމަށެވެ.

Ad
rt

ނޭޝަނަލް ގާޑް މިނިސްޓްރީގެ ދަށުން ހިންގާ ކިންގް ޢަބްދުލްޢަޒީޒް މެޑިކަލް ސިޓީގެ ކިންގް ޢަބްދުﷲ ސްޕެޝަލިސްޓް ޗިލްޑްރަންސް ހޮސްޕިޓަލުގައި ކުރިއަށްދާ މި އޮޕަރޭޝަނަކީ ނުވަ މަރުހަލާއަކަށް ބަހާލައިގެން، 34 މެޑިކަލް ޕްރޮފެޝަނަލުންގެ ޓީމަކުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މަލްޓިޑިސިޕްލިނަރީ މެޑިކަލް އެސެސްމަންޓްތަކާއި ތަފްސީލީ ޑައިގްނޯސްޓިކް ދިރާސާތަކަށް ބިނާކޮށް ބަލާއިރު، ސައުދީ ކޮންޖޮއިންޑް ޓްވިންސް ޕްރޮގްރާމުގެ ދަށުން ހިންގާ މި އޮޕަރޭޝަން ކާމިޔާބުވުމުގެ ފުރުސަތު އޮތީ 70 އިންސައްތައިގައެވެ.

ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭއެސްރިލީފް) ގެ ސުޕަވައިޒަރ ޖެނެރަލް އަދި އެ ޕްރޮގްރާމުގެ މެޑިކަލް އަދި ސާޖިކަލް ޓީމުގެ އިސްވެރިޔާ ޑރ. ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އަލްރަބީޢާ ވިދާޅުވީ، އެ ދެ ކުދިން ސައުދީ އަރަބިއްޔާއަށް ގެނެސްފައިވަނީ 2026 ވަނަ އަހަރުގެ ޖުލައި 21 ގައި ކަމަށެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށްފަހު ހެދި ތަހުލީލުތަކުން ދެއްކި ގޮތުގައި، ދެ ކުދިން ގުޅިފައިވަނީ ބަނޑާއި އުނަގަނޑުގެ ހިސާބުންނެވެ. އަދި ފުރަމޭ، ކުޑަގޮހޮރު، ބޮޑުގޮހޮރު، ފުރަގަސްފަރާތް، ކުޑަކަމުދާ ނިޒާމު، ނަސްލު އުފައްދާ ނިޒާމު އަދި އުނަގަނޑުގެ ކަށިގަނޑު ދެ ކުދިންގެ މެދުގައި ހިއްސާކުރެއެވެ.

މި އޮޕަރޭޝަނުގައި ކުޑަކުދިންގެ ސާޖަރީ، އައްސިކުރުމުގެ ދާއިރާ، ޕްލާސްޓިކް ސާޖަރީ، ކަށީގެ ސާޖަރީ، އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތަކާ ބެހޭ ކޮންސަލްޓަންޓުންނާއި ސްޕެޝަލިސްޓުންގެ އިތުރުން ޓެކްނިކަލް އަދި ނަރުހުންގެ ޓީމުތަކުން ހަރަކާތްތެރިވާ ކަމަށް ޑރ. އަލްރަބީޢާ ފާހަގަކުރެއްވިއެވެ.


މިއީ ފިޖީގެ ގުޅިފައިވާ އެއްމާބަނޑު ދެ ކުދިން ވަކިކުރުމަށް ސައުދީގައި ކުރިއަށްގެންދާ މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ. އަދި މިއީ ސައުދީ ކޮންޖޮއިންޑް ޓްވިންސް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ މިފަދަ 74 ވަނަ އޮޕަރޭޝަނެވެ. މި ޕްރޮގްރާމް ފެށުނު 1990 ވަނަ އަހަރުން ފެށިގެން މިހާތަނަށް، ދުނިޔޭގެ ފަސް ބައްރެއްގެ 28 ގައުމަކުން ގުޅިފައިވާ އެއްމާބަނޑު 159 ޖޯޑު ކުދިންނަށް ވަނީ ފަރުވާ ފޯރުކޮށްދީފައެވެ.

މި ޕްރޮގްރާމަށް ރަސްގެފާނު ސަލްމާނާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި މެޑިކަލް ޓީމުގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޑރ. އަލްރަބީޢާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އެ އެހީތެރިކަމުގެ ސަބަބުން މި ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ސައުދީއަކީ ފާހަގަކޮށްލެވޭ މަރުކަޒަކަށް ވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެ، އޮޕަރޭޝަނަށްފަހު އެ ދެ ކުދިންނަށް އަވަސް ޝިފާއެއް ދެއްވުމަށާއި ސަލާމަތްތެރިކަމާއެކު ގައުމަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީގު މިންވަރުކުރެއްވުމަށް އެދިވަޑައިގެން އޭނާ ދުއާކުރެއްވިއެވެ.