ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ނަޒީމް އެ މަޤާމުން ވަކިކޮށްފިއެވެ.

ނަޒީމް އެ މަޤާމުން ވަކިކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ޔަޤީންކޮށްދީފައެވެ. ޕީސީބީން ބުނީ، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިބްރާހިމް ނަޒީމް ވަކިކޮށްފައިވާ ކަމަށެވެ.

Ad
rt

އޭނާ މަޤާމުން ވަކިކުރުމަށްފަހު، ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މިހާރު ވަނީ ބޭފުޅަކު ހަމަޖައްސައިފައެވެ. އެ މަޤާމަށް އައްޔަންކޮށްފައިވަނީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަޙުމަދު ސަޢުދީ ކަމަށް ޕީސީބީން ބުންޏެވެ.

ނަޡީމަކީ މި ސަރުކާރުން އެންމެ ފުރަތަމަ ޢައްޔަނުކުރި ސްޓޭޓް މިނިސްޓަރުންގެ ތެރޭ ހިމެނޭ ބޭފުޅެކެވެ. ރައީސް ޔާމީންގެ ދައުރުގައި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ނަޡީމް މި ސަރުކާރުގައި ޢައްޔަނުކުރަށްވާފައި ހުންނެވީ ހައުސިން އެންޑް ކޮންޓަރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށެވެ.

ނަޡީމް ވަނީ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އާއި ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ވެރިކަމުގައި ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރކަން ވެސް ކުރަށްވާފައެވެ.

އާރްޑީސީގެ އިސްވެރިޔާގެ މަޤާމުން ނަޒީމް ވަކިކޮށްފައި މިވަނީ، އެ ކުންފުނި އުވާލުމަށްފަހު ކުންފުނީގެ ހުރިހާ މަސައްކަތްތަކެއް އެމްޓީސީސީގެ ދަށުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މި ނިންމުމާ ގުޅިގެން، ސަރުކާރުގެ އެކި އިދާރާތަކުން އާރްޑީސީއާ ހަވާލުކޮށްފައިވާ އެކި މަޝްރޫޢުތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރުވެސް ދަނީ ހިނގަމުންނެވެ.

މަޤާމުން ވަކިކުރެވުނު އިބްރާހިމް ނަޒީމް، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.

އާރުޑީސީގެ އެމްޑީކަމުން ނަޒީމް ވަކިކުރިއިރު، ސްޓެލްކޯ އާއި އެއްކޮށްލުމަށް ނިންމާފައިވާ ފެނަކައިގެ އެމްޑީ އަފީފް ވެސް އިއްޔެ ވަނީ ވަކިކޮށްފައެވެ.