އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި އޯޕަންއޭއައިގެ ކޮންފަރެންސް ރޫމެއްގައި ސިއްރުން އަޑުއަހާ އާލާތެއް ހަރުކުރި މައްސަލައިގައި، އެ ކުންފުނީގައި މަސައްކަތްކުރި ސައުދީ އަރަބިއްޔާގެ އިންޖިނިއަރަކު ހައްޔަރުކޮށް އޭނާގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ޢަބްދުއްރަޙްމާން އަލްފައުޒާން ކިޔާ މީހެއް ކަމަށެވެ. އޭނާ އޯޕަންއޭއައިގައި މަސައްކަތް ކުރަމުން ދިޔައީ ޖުލައި 2025 އިން ފެށިގެންނެވެ. ޕްރޮސެކިއުޓަރުން އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ކުންފުނީގެ ސިއްރު މައުލޫމާތުތައް ޤާނޫނާ ޚިލާފަށް ހޯދުމަށް ސިއްރުން އަޑުއަހާ ޑިވައިސްއެއް ބޭނުންކުރި ކަމަށެވެ. އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރި އަލްފައުޒާންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ފަސް އަހަރުގެ ޖަލު ހުކުމަކާއި 250،000 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެއެވެ.
ޖަސްޓިސް ޑިޕާޓްމަންޓުގެ ޝަކުވާގައިވާ ގޮތުން، ޓޮއިލެޓް ޕޭޕަރުގެ ތެރޭގައި ފޮރުވާފައި އިން މި ޑިވައިސް ހަރުކޮށްފައިވަނީ ސެޕްޓެމްބަރު 28 ހިސާބުގައެވެ. އަދި އެ ޑިވައިސް ފެނިފައިވަނީ ސެޕްޓެމްބަރު 30 ގައެވެ. އޮފީހުގެ ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ގޮތުގައި، އެ ކޮންފަރެންސް ރޫމަށް ވަނުމުގެ ހުއްދައެއް ނެތް ނަމަވެސް، ޑިވައިސް ފެނުމުގެ ކުރިން އެކި ދުވަސްމަތިން އަލްފައުޒާން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ. މީގެއިތުރުން އޯޕަންއޭއައިގެ ސެކިއުރިޓީ އޮފިސަރުން ވަނީ އަލްފައުޒާންގެ ދަބަހުން މިފަދަ ދެވަނަ ޑިވައިސްއެއްވެސް ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގެ އެފްބީއައިގެ ވެރިޔާ ކޭޝް ޕަޓޭލް ވިދާޅުވީ، އެމެރިކާގެ އޭއައި އީޖާދުތައް ހިމާޔަތްކުރުމަކީ ޤައުމުގެ އިޤްތިޞާދާއި ސަލާމަތަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، އެފްބީއައިގެ ކައުންޓަރ-އިންޓެލިޖެންސްގެ އެންމެ ބޮޑު އިސްކަމެއް ދޭ އެއް ދާއިރާއަކީ އެއީ ކަމަށެވެ. އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗްވެސް ވަނީ މިއީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާ، އޭއައި ޓެކްނޮލޮޖީއާ ގުޅުންހުރި އިންޓެލެކްޗުއަލް ޕްރޮޕަޓީ ވަގަށް ނެގުމަކީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެފައެވެ.
އޯޕަންއޭއައި އިން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އޭނާ އެއްވެސް މޮޑެލް ވެއިޓްސް، ސޯސް ކޯޑް ނުވަތަ ކަސްޓަމަރުންގެ ޑޭޓާއަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައިނުވާ ކަމަށް ކުންފުނިން ހާމަކުރިއެވެ.
މީގެއިތުރުން، މި ޑިވައިސް ހަރުކުރީ ކާކުކަން ދެނެގަތުމަށް ކުންފުނީގެ އަމިއްލަ އޭއައި މޮޑެލްތައް ބޭނުންކުރި ކަމަށް އޯޕަންއޭއައި އިން ބުންޏެވެ. އަދި އެ މައުލޫމާތު ވަގުތުން އެފްބީއައި އާ ހިއްސާކޮށް، ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!