އަންނަ މަހު އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބުގެ ކުރިން އާންމުކުރި އެންމެ ފަހުގެ ރަސްމީ ހިސާބުތަކުން، ސެޕްޓެމްބަރު މަހާ ހަމައަށް އެ ގައުމުގެ އިންފްލޭޝަން ރޭޓް ލަފާކުރި ވަރަށް ވުރެ ބޮޑަށް މައްޗަށް ގޮސްފައިވާކަމަށް ދައްކައިފިއެވެ.

މިގޮތުން އޮގަސްޓް މަހާ ހަމައަށް 3.4 ޕަސެންޓުގައި ހުރި އިންފްލޭޝަން، ސެޕްޓެމްބަރު މަހު ވަނީ 3.7 ޕަސެންޓަށް އުފުލިފައެވެ. ކުރިއަށް އޮތް އިންތިޚާބުގެ ކެމްޕޭނުގައި ވެސް އެންމެ ބޮޑު ބަހުސެއް ހިނގަމުންދަނީ އެމެރިކާގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވަމުންދާ މައްސަލައިގައެވެ.

Ad
rt

އިންފްލޭޝަން އަންދާޒާ ކުރި މިންވަރަށް ވުރެ މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދޯހަޅި ސިޔާސަތުތަކާއެކު، އެމެރިކާ އަދި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ހަކަތަ ފޯރުކޮށްދިނުމަށް އެޅުނު ހުރަސްތަކާއެކު ތެލުގެ އަގު އުފުލުމެވެ. އެގޮތުން ހަނގުރާމަ ފެށުމުގެ ކުރިން ފީފާއެއް 70 ޑޮލަރަށް ވުރެ ކުޑަކޮށް މަތީގައި ހުރި ސާފުނުކުރާ ތެލުގެ އަގު މިހާރު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އަރައިފައެވެ. ބިއުރޯ އޮފް ލޭބަރ ސްޓެޓިސްޓިކްސްގެ ހިސާބުތައް ދައްކާ ގޮތުން، ވޭތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ޕެޓްރޯލްގެ އަގު ވަނީ 34.2 ޕަސެންޓް އުފުލިފައެވެ. އަދި ހަމައެކަނި ސެޕްޓެމްބަރު މަހު ވެސް ޕެޓްރޯލްގެ އަގު 9.1 ޕަސެންޓް މައްޗަށް ދިޔައިރު، މިއީ މުޅި އިންފްލޭޝަން އިތުރުވި މިންވަރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ނިސްބަތެކެވެ.

ތެލުގެ އަގުގެ އިތުރުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގައި ތަންފީޒުކުރަން ފެއްޓެވި ވިޔަފާރީގެ ސިޔާސަތުތަކާއި ޓެރިފްތަކުގެ ސަބަބުން ވެސް ތަކެތީގެ އަގުތައް އަންނަނީ އުފުލެމުންނެވެ. އެމެރިކާގެ ވިޔަފާރި ބައިވެރިންނާ ދެކޮޅަށް ޓްރަމްޕް ކަނޑައެޅުއްވި ގިނަ ޓެރިފްތަކަކީ ޤާނޫނާ ޚިލާފު އެއްޗެއް ކަމަށް ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނިންމި ނަމަވެސް، އޭގެ ބަދަލުގައި އޭނާ ވަނީ ވަގުތުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތެރެކުރާ މުދަލުން ނަގާ 10 ޕަސެންޓުގެ އައު ޓެރިފެއް ތަޢާރަފުކުރައްވާފައެވެ. މި ޓެރިފްތަކުގެ ސަބަބުން ޓެކްސް އާމްދަނީ އިތުރުވެ، އުފެއްދުންތެރިކަން ކުރިއަރައި، އެމެރިކާގެ އުފެއްދުންތައް ގަތުމަށް ބާރުއެޅޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މީގެ ސަބަބުން އިންފްލޭޝަނަށް ބޮޑު ނޭދެވޭ އަސަރެއް ކުރަމުންދާ ކަމަށް ފެޑަރަލް ރިޒާވް ބޭންކް އޮފް ނިއުޔޯކްގެ ދިރާސާއަކުން ދައްކައެވެ.

ނިއުޔޯކް ފެޑްގެ ދިރާސާއިން ހާމަވި ގޮތުގައި، އިމްޕޯޓް ޓެކްސް ބޮޑުވުމުން ބޭރުގެ އެކްސްޕޯޓަރުން އަގުތައް ކުޑަކޮށްފައިވަނީ ވަރަށް ކުޑަކޮށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިތުރުވި ޓެކުހުގެ ގާތްގަނޑަކަށް 90 ޕަސެންޓް ޚަރަދު އުފުލަން ޖެހުނީ އެމެރިކާގެ ވިޔަފާރިތަކަށެވެ. މީގެ އިތުރުން، އެމެރިކާގައި އުފައްދާ ތަކެއްޗަށް ބޭނުންވާ ރޯ މެޓީރިއަލް އަދި ބައިތައް ބޭރުން އެތެރެކުރަން ޖެހޭތީ، އެތެރޭގެ އުފެއްދުންތަކުގެ އަގު ވެސް ވަނީ އުފުލިފައެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، އެވްރެޖް ޓެރިފަށް އިތުރުވާ ކޮންމެ އެއް ޕަސެންޓަކުން، އެއް އަހަރު ދުވަހުގެ ތެރޭގައި ކޮންސިއުމަރ މުދަލުގެ އަގު ގާތްގަނޑަކަށް 0.25 ޕަސެންޓަށް އުފުލެއެވެ.

މުޅި އަހަރަށް ބަލާއިރު ހަކަތައިގެ އިންފްލޭޝަން 20.4 ޕަސެންޓަށް މައްޗަށް ގޮސްފައިވާއިރު، ގޭބިސީތައް ހޫނުކުރުމަށް ބޭނުންކުރާ ފިއުލް އޮއިލްގެ އަގު ވަނީ 74.2 ޕަސެންޓް އުފުލިފައެވެ. ކާބޯތަކެއްޗާއި ހަކަތައިގެ ބައިތައް ނުހިމަނައި ބަލާ ކޯ އިންފްލޭޝަން ހުރީ 2.6 ޕަސެންޓުގައެވެ. ކާބޯތަކެތީގެ އަގުތައް ސެޕްޓެމްބަރު މަހު އެއްވަރެއްގައި ހިފެހެއްޓިފައި އޮތް ނަމަވެސް، މުޅި އަހަރަށް ބަލާއިރު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 2.5 ޕަސެންޓުގައެވެ. މާހިރުން ބުނާ ގޮތުގައި، އެމެރިކާގެ އިންޓްރެސްޓް ރޭޓް ކަނޑައަޅާ ފެޑަރަލް ރިޒާވުން، ހަކަތައިގެ އަގުތައް ކާބޯތަކެއްޗާއި އިގްތިސާދުގެ އެހެނިހެން ދާއިރާތަކަށް ފެތުރި އިންފްލޭޝަން އިތުރަށް މައްޗަށް ހިނގައިދާނެތޯ ވަރަށް ގާތުން ބަލަމުން ގެންދާނެއެވެ.

އިންފްލޭޝަންގެ އައު ހިސާބުތަކާ ގުޅިގެން، ސޯޝަލް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނުން ވަނީ ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތްތައް 2027 ވަނަ އަހަރު 3.6 ޕަސެންޓުން ބޮޑުކުރަން ނިންމައި އެކަން އިއުލާނުކޮށްފައެވެ. އެ އިދާރާއިން ބުނި ގޮތުގައި މި ބަދަލާއެކު ރިޓަޔަމަންޓް އިނާޔަތަށް މަހަކު އެވްރެޖްކޮށް 75 ޑޮލަރު އިތުރުވާނެއެވެ. ދިރިއުޅުމުގެ ޚަރަދުތަކަށް ގެނެވޭ މި ބަދަލު އަންނަ ޖެނުއަރީ މަހުން ފެށިގެން ގާތްގަނޑަކަށް 72 މިލިއަން މީހުންނަށް ލިބެން ފަށާނެ ކަމަށާއި، ސަޕްލިމެންޓަލް ސެކިއުރިޓީ އިންކަމް ލިބޭ 7.2 މިލިއަން މީހުންނަށް ޑިސެމްބަރު 31 އިން ފެށިގެން އިތުރުވި އަދަދު ލިބޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ފެޑަރަލް ރިޒާވްގެ އަމާޒަކީ އިންފްލޭޝަން 2 ޕަސެންޓުގައި ބެހެއްޓުން ކަމަށްވާއިރު، މިހާރުގެ ނިސްބަތަކީ އެ އަމާޒަށް ވުރެ މަތީ އަދަދެކެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސަޕްލައި ޗޭނަށް އެޅުނު ހުރަސްތަކާއި، 2022 ގެ ކުރީކޮޅު ރަޝިޔާއިން ޔޫކްރެއިނަށް އެރި ދަނޑިވަޅުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އެމެރިކާގެ އިންފްލޭޝަން މީގެ ކުރިން 9 ޕަސެންޓަށް ވެސް އެރިއެވެ. އިންފްލޭޝަން މިނެކިރުމަށް ބިއުރޯ އޮފް ލޭބަރ ސްޓެޓިސްޓިކްސްއިން ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ބޭނުންކުރާއިރު، އޭގެ ތެރޭގައި ތާޒާ ކާބޯތަކެއްޗާއި ތެލާއި ޞިއްޙީ ޚިދުމަތްތައް ހިމެނޭހެން އެތައް ސަތޭކަ މުދަލަކާއި ޚިދުމަތެއްގެ އަގަށް އަންނަ ބަދަލުތައް ބަލަމުން ގެންދެއެވެ.