އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ހިންގަމުންދާ ޖިނާއީ ތަހުގީގަކާ ގުޅިގެންކަމަށް ބުނެ، އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު އިލްހާން އުމަރުގެ ގެކޮޅު ފެޑެރަލް އޭޖެންޓުން ފާސްކުރުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕަށް އޭނާ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ވޮޝިންގްޓަން ސަރަހައްދުގައި ހުންނަ އިލްހާންގެ ގެކޮޅު ކޯޓު އަމުރެއްގެ ދަށުން ފާސްކޮށްފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް (އެޗްއެސްއައި) ގެ ފެޑެރަލް އޭޖެންޓުންނެވެ.
މި ހާދިސާއާ ގުޅިގެން 2026 އޮކްޓޫބަރު 12 ވީ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި، މިނެސޯޓާގެ ޑިމޮކްރެޓިކް މަންދޫބު އިލްހާން ވިދާޅުވީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މި އަމަލަކީ ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށް، ފެޑެރަލް ގާނޫނު ތަންފީޒުކުރާ އިދާރާތައް ސިޔާސީ ހަތިޔާރަކަށް ހެދުމަށް ހިންގި އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ވޭތުވެދިޔަ 10 އަހަރު ދުވަހު ވެސް ޓްރަމްޕް އޭނާއާ ދެކޮޅަށް އެއްވެސް އަސާސެއް ނެތް ދޮގުތަކާއި އަބުރު ކެއްސުމުގެ ކެމްޕޭނުތައް ހިންގަވާފައިވާ ކަމަށް އިލްހާން ވިދާޅުވިއެވެ.
"މިއީ ސިޔާސީ ގޮތުން ބިރުދެއްކުމަށް އޭނާ ހިންގަވާ ކެމްޕޭނުގެ ތެރެއިން އެންމެ ފަހުން އެޅުއްވި ފިޔަވަޅު،" އިލްހާން ވިދާޅުވިއެވެ.
މީގެއިތުރުން، އޭނާގެ އަޑު ކަނޑުވާލައި ހިމޭނެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގެ ފާސްކުރި މައްސަލަ ކުށްވެރިކުރައްވައި އިލްހާން އުމަރާއި އޭނާގެ ސަޕޯޓަރުން ބުނެފައިވަނީ، މިއީ ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމުގެ މަގުސަދުގައި ޓްރަމްޕްގެ ސަރުކާރުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހިންގި ކަމެއް ކަމަށެވެ. އަދި މިއީ ފެޑެރަލް ގާނޫނު ތަންފީޒުކުރާ މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ވެސް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.
އިލްހާންގެ މި ތުހުމަތުތަކާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕާއި ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެފައިވަނީ، ޖަސްޓިސް ޑިޕާޓްމަންޓުން މަސައްކަތް ކުރަނީ މިނިވަންކަމާއެކު ކަމަށެވެ. އަދި ބަލަމުންދާ އެއްވެސް މައްސަލައަކީ ސިޔާސީ ކަންކަމަށް ބަލައިގެން ކުރިއަށްގެންދާ މައްސަލަތަކެއް ނޫން ކަމަށާއި، ހުރިހާ ފިޔަވަޅެއްވެސް އަޅަމުންދަނީ ގާނޫނީ މިންގަނޑުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ޑިމޮކްރެޓިކް ލީޑަރުން ވަނީ އިލްހާނަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައި އެއްބައިވަންތަކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ހައުސްގެ މައިނޯރިޓީ ލީޑަރު ހަކީމް ޖެފްރީސް ހިމެނިވަޑައިގަންނަވާއިރު، ޑިމޮކްރެޓިކް ލީޑަރުން ވަނީ ބަޔާންތައް ނެރުއްވައި ޓްރަމްޕްގެ ސަރުކާރުން އެޅި މި ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!