ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނެކަން ހާމަކޮށް، ސަރުކާރުން މިއަދު ބަޔާނެއް ނެރެފިއެވެ.
ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކުރުމާ ގުޅޭގޮތުން އާންމުކުރި ޚާއްޞަ ބަޔާނެއްގައެވެ.
އެ ބަޔާނުގައި ސަރުކާރުން ބުނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ދިވެހިރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ އަދި ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ ޙައްޤެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ޤާނޫނުއަސާސީން ދައުލަތާ ޙަވާލުކޮށްފައިވާ ޒިންމާއެއްކަން ސަރުކާރުން ފާހަގަކުރިއެވެ.
މި ހުދޫދުގެ ތެރެއިން ރާއްޖޭގެ ސަރަޙައްދު ބަލަހައްޓައި، ޤައުމުގެ މިނިވަންކަމާއި ދައުލަތުގެ ސިޔާދަތު ރައްކައުތެރިކުރުމަކީ ދިވެހިން ވަރަށް ފަޚުރުވެރިކަމާއެކު ޒަމާނުއްސުރެ ކޮށްފައިވާ، އަދި މިހާރުވެސް ކުރަމުންގެންދާ ކަމެއް ކަމަށާއި، މިކަމަށް ދިވެހި ތާރީޚު ހެކިދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު ރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ތަނެއްގައި އޮތް ޤައުމެއްކަން ފާހަގަކުރަމުން ސަރުކާރުން ބުނީ، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ވަރަށް ބޮޑު އިންސައްތައެއް ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު މަގުތަކެއް ކަމަށެވެ. އެހެންކަމުން، މި ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ދުނިޔޭގެ ވިޔަފާރިތަކަށާއި، މި ސަރަޙައްދުގެ ހަމަޖެހުމާއި އަމާންކަމަށް ރާއްޖެއިން ޒަމާނުއްސުރެ ކޮށްދޭ އަގުހުރި ޚިދުމަތެއް ކަމަށް ބަޔާނުގައިވެއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުން ބޭރުގެ ފަރާތްތަކާ ޙަވާލުނުކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށާއި، ސަރަޙައްދީ ހަމަޖެހުމާއި ބައިނަލްއަޤްވާމީ ވިޔަފާރިއަށް ފަހި ވެއްޓެއް ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށްވެސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހި ސަރުކާރުން ހާމަކުރި ގޮތުގައި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ބައިނަލްއަޤްވާމީ ކަނޑުއޮޅިތައް ހިމެނޭހެން، ރާއްޖޭގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވާލުމަކީ ދައުލަތުގެ ސިޔާދަތަށް އުނިކަން އައިސް، ސަރަޙައްދުގެ ސަލާމަތަށް އަސަރުކުރާނެ ކަމެކެވެ. އެހެންކަމުން، މިފަދަ އެއްވެސް ބާރެއް ބޭރުގެ ފަރާތްތަކަށް ނުދިނުމަކީ އަސާސީ ސިޔާސަތެއް ކަމުގައި ބުނެފައިވެއެވެ.
އަދި މި ނޫން ގޮތަކަށް މޭރުންވެދާނޭ ފަދަޔަކުން ބޭރުގެ ނުފޫޒަކަށް، ސީދާ ގޮތުން ވިޔަސް ނުވަތަ ނުސީދާ ގޮތުން ވިޔަސް، އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!