މިހާރު ދައުރުކުރަމުންދާ ފަސް ރުފިޔާގެ ނޫޓުތައް ބާވެ ހަލާކުވުމާ ގުޅިގެން ބާޒާރުގައި އެ ނޫޓު ވަރަށް ބޮޑަށް މަދުވެފައިވާތީ، ފަސް ރުފިޔާގެ އާ ސްޓޮކެއް ގެނެސްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި، އިގްތިސާދުގައި އުފެދޭ ނަގުދު ފައިސާގެ ޑިމާންޑާ އެއްވަރަށް ނޫޓު ފޯރުކޮށްދިނުމަށް ޓަކައި އެ އޮތޯރިޓީން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަސް ރުފިޔާގެ ނޫޓަކީ އެ އޮތޯރިޓީން އާންމުންނަށާއި ވިޔަފާރިތަކަށް ގިނަ އަދަދަކަށް ދޫކުރަމުން އަންނަ ނޫޓެއް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

Ad
rt

ފަސް ރުފިޔާގެ ސްޓޮކް އެމްއެމްއޭގައި މަދުވާން މެދުވެރިވި ސަބަބެއް ކަމަށް އެ އޮތޯރިޓީން ފާހަގަކުރީ، އެ ނޫޓަކީ ބާޒާރުކުރުމުގައި އާންމުގޮތެއްގައި ގިނައިން ބޭނުންކުރާ އެއްޗަކަށް ވުމާއި، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ފަސް ރުފިޔާގެ ނޫޓު ޖަމާކުރާ މިންވަރު މަދުވުމެވެ.

އަލުން ގެނައި ފަސް ރުފިޔާގެ ނޫޓުގައި ޖަހާފައިވާ ތާރީޚަކީ 31 ޖުލައި 2025، 6 ޞަފަރު 1447 އެވެ. އަދި މި ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި މިއަދު ގެނައި ފަސް ރުފިޔާގެ ސްޓޮކަކީ އެ އޮތޯރިޓީން ރަންދިހަފަހެއް ނޫޓު ސީރީސްގެ ފަސް ރުފިޔާ 2017 ވަނަ އަހަރު ނެރުނު ފަހުން، އޭގެ އާ ސްޓޮކެއް ގެނައި ފުރަތަމަ ފަހަރެވެ.

މާދަމާ ދައުރުކުރުމަށް ނެރޭ މި އާ ފަސް ރުފިޔާގެ ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެއެވެ. އަދި މި އާ ނޫޓާ އެކު މިހާރު ވެސް ދައުރުވަމުންދާ ފަސް ރުފިޔާގެ ނޫޓުތައް ވެސް ކުރިއެކޭ އެއްގޮތަށް ބޭނުންކުރަމުންދާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.