ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ތަރައްގީ ކުރުމަށްޓަކައި 2027 އިން 2030 އަށް 6.35 ބިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖެއްސުމަށާއި، މެންބަރު ކޮންމެ އެސޯސިއޭޝަނަކަށް 25 މިލިއަން ޑޮލަރު ދިނުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ހުށަހަޅަން ނިންމައިފިއެވެ.

ފީފާގެ ރަސްމީ ލިޔުމަކާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، މި ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 48 ޓީމު ވާދަކުރާ ވޯލްޑް ކަޕުން ލިބުނު މާލީ ކާމިޔާބީގެ ބޭނުން ހިފައި، ފީފާގެ މެންބަރު 211 އެސޯސިއޭޝަނާއި، ކޮންފެޑެރޭޝަންތަކާއި އެހެނިހެން ހިއްސާދާރުންނަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރާނެއެވެ. ކުރިން ހަމަޖެހިފައި އޮތީ ހަތަރު އަހަރުގެ މި މުއްދަތުގައި ކޮންމެ ގައުމަކަށް 10 މިލިއަން ޑޮލަރު ދިނުމަށެވެ. ނަމަވެސް އޮކްޓޫބަރު 14 ގެ ތާރީޚު ޖަހާފައިވާ މި ލިޔުމުގައިވާ ގޮތުން، ފީފާގެ މާލީ ރިޒާވުން 3.5 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ބެހުމަށް މިހާރު ވަނީ ހުށަހަޅައިފައެވެ.

Ad
rt

ފީފާއިން ބުނެފައިވަނީ، "މި ހުށަހެޅުން ބަލައިގެންފިނަމަ، 2027 އިން 2030 ގެ މުއްދަތަށް ބެހުމަށް ކަނޑައެޅި ފައިސާގެ މިންވަރު ދެގުނައަށް ވުރެ އިތުރުވެގެންދާނެ،" ކަމަށާއި، ޚާއްސަ އިސްކަމެއް ދެވޭނީ އަންހެނުންގެ ފުޓްބޯޅައާއި ޒުވާނުންގެ ފުޓްބޯޅަ ތަރައްގީކުރުމަށް ކަމަށެވެ. މީގެއިތުރުން، ބައްރުތަކުގެ ހަ ކޮންފެޑެރޭޝަންގެ ތެރެއިން ކޮންމެ ކޮންފެޑެރޭޝަނަކަށް 99 މިލިއަން ޑޮލަރު ދިނުމަށް ވެސް މި ޕްލޭނުގައި ވަނީ ހިމަނައިފައެވެ.

މި މާލީ ޕްލޭން ފައިނަލް ކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ފީފާ ކައުންސިލްގައެވެ. އަދި މި ޕްލޭނަށް އެންމެ ފަހުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ މާޗް މަހު ބާއްވާ ފީފާގެ 77 ވަނަ ކޮންގްރެސްގައެވެ.

މި ބޮޑު މާލީ ޕްލޭން ހުށަހަޅާފައި މިވަނީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން ދުރުކުރުމަށް ޔޫރަޕްގެ ފުޓްބޯޅަ އިސްވެރިން ކެންޑިޑޭޓަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ވޯލްޑް ކަޕާ ގުޅޭގޮތުން އިންފަންޓީނޯ ގެންގުޅުއްވި ޚިޔާލުތަފާތުވުން ބޮޑު އަމިއްލަ އިންވެސްޓްމަންޓް ޕްލޭނެއް ޖުލައި މަހު ހާމަކުރުމަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި އުވާލަން ޖެހުމާ ގުޅިގެން، ޔޫއެފާއިން ވަނީ އޭނާއާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ފަށައިފައެވެ. އިންފަންޓީނޯ، ފީފާގެ ރައީސްކަމާ 2016 ގައި ހަވާލުވެވަޑައިގެންނެވި އިރު، އަންނަ އަހަރު ބާއްވާ އިންތިޚާބުގައި އަލުން އިންތިޚާބުވުމަށް އޭނާ ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ވޯލްޑް ކަޕް ވިއްކާލުމުގެ މުއާމަލާތާ ގުޅިގެން މާލީ ގޮތުން ކަންކަން ގޯސްކޮށް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އިންފަންޓީނޯއާ ދެކޮޅަށް ސްވިޒަލެންޑުގައި ޖިނާއީ ޝަކުވާއެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ޔޫއެފާއިން އޮގަސްޓް މަހު ވަނީ އިއުލާނުކޮށްފައެވެ. އަދި މި މައްސަލައިގައި ހެކި ހޯދުމުގެ ހުއްދައަކަށް އެމެރިކާގެ ކޯޓުތަކުގައި ވެސް ޔޫއެފާއިން ވަނީ އެދިފައެވެ. މޮރޮކޯގެ ރަބާތުގައި އަންނަ އަހަރުގެ މާޗް 18 ގައި ބާއްވާ އިންތިޚާބުގައި ވޯޓުލެވޭ ފީފާގެ 211 މެންބަރު ފެޑެރޭޝަންގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ގިނައީ ޔޫއެފާގެ 55 މެންބަރުންނެވެ.