އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ޑްރޯން މެދުވެރިކޮށް އަދި ކަނޑުމަގުން ދިން ވަރުގަދަ ހަމަލާތަކެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެ، އަންހެނަކު ހިމެނޭހެން އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.

އަންގާރަ ދުވަހު ދިން މި ހަމަލާތަކުގެ އިތުރުން، އިސްރާއީލު ސިފައިން ވަނީ އާންމުން ދިރިއުޅޭ އިމާރާތްތަކެއް ތަޅާލައި ބިމާ ހަމަކޮށްފައެވެ.

Ad
rt

ޣައްޒާ ސިޓީގެ އިރުމަތީ އަވަށެއް ކަމަށްވާ ތުއްފާހުގެ އަލް މަޝްހަރާ ސަރަހައްދުގައި ދަތުރުކުރި އުޅަނދަކަށް އިސްރާއީލުގެ ޑްރޯނަކުން ދިން ހަމަލާއެއްގައި އެކަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވި ކަމަށް ސިއްހީ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ޣައްޒާގެ ހުޅަނގު އުތުރު އަލް ސޫދާނިއްޔާ ސަރަހައްދުގެ އައްސޭރިފަށަށް އިސްރާއީލުގެ އަސްކަރީ ބޯޓުފަހަރުން ބަޑީގެ ހަމަލާތައް ދީ އިތުރު މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް އަލް ޝިފާ ހޮސްޕިޓަލުގެ މެޑިކަލް މަސްދަރަކުން މައުލޫމާތު ދީފައިވެއެވެ. މީގެއިތުރުން ރަފާހުގެ ހުޅަނގު އުތުރު އަލް މަވާސީ ސަރަހައްދުގައި އާންމުން އެއްވެ ތިބި ތަނަކަށް ކުރިން ދިން ހަމަލާއެއްގައި ލިބުނު ފުރާނައަށް ނުރައްކާވި ޒަޚަމްތަކަށް ފަރުވާ ދެމުންދަނިކޮށް، ނާސިރު ހޮސްޕިޓަލުގައި އިތުރު މީހަކު ޝަހީދުވެފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ދެކުނުގެ ޚާން ޔޫނިސް ސަރަހައްދުގައިވެސް އިސްރާއީލުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެގޮތުން ޚާން ޔޫނިސްގެ އުތުރުން ހަމަދު ސިޓީގައި އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން އަންހެނަކު ޒަޚަމްވެފައިވާއިރު، އެ ރަށުގެ ހުޅަނގުގައި ހުންނަ އަލް އަމަލް ހޮސްޕިޓަލް ކައިރިން އިތުރު ފިރިހެނަކު ވަނީ ޒަޚަމްވެފައެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރީ އުޅަނދުތަކުން ވަނީ ޚާން ޔޫނިސްގައި އާންމުން ދިރިއުޅޭ ގެތަކަށާއި ގެދޮރު ގެއްލިފައިވާ މީހުން ބައިތިއްބާފައިވާ ޓެންޓުތަކަށް އަމާޒުކޮށް ވަރުގަދައަށް ބަޑީގެ ހަމަލާތައް ފޮނުވާލާފައެވެ.

އުތުރު ޣައްޒާގެ ބައިތު ލާހިޔާގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލް ކައިރިން އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައިވެސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެއެވެ. މީގެ އިތުރުން، އެ ހޮސްޕިޓަލުގެ އުތުރުން އިސްރާއީލުގެ ކޮންޓްރޯލް ދަށުގައިވާ ސަރަހައްދުތަކާ ކައިރީގައި ހުރި ގެތަކާއި އިމާރާތްތަކުން މީހުން ނެރުމަށްފަހު އިސްރާއީލު ސިފައިން ވަނީ އެ ތަންތަން ގޮއްވާލައި ސުންނާފަތިކޮށްފައެވެ. މި ގޮއްވާލުމުގެ ބާރުގަދަ އަޑު އިވުނު ނަމަވެސް އެ ވަގުތު މީހަކަށް ގެއްލުމެއް ލިބުނު ކަމަކަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. ހަމައެއާއެކު، އިސްރާއީލުގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާ ސިޓީގެ އައްސޭރިފަށަށް މެޝިން ބަޑިން ހަމަލާދީ ބޮން އަޅާފައެވެ.

މި ހަމަލާތައް ދީފައި މިވަނީ 10 އޮކްޓޫބަރު 2025 އިން ފެށިގެން އަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވެ ދިން ހަމަލާތަކުގައި ހޯމަ ދުވަހާ ހަމައަށް ފަލަސްތީނުގެ 1،493 މީހުން ޝަހީދުވެ، 5،299 މީހުން ވަނީ ޒަޚަމްވެފައެވެ. އދ. އިން ވަނީ ހަނގުރާމަ ހުއްޓާލި ފަހުން ޣައްޒާއިން 1،076 މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީ، މިއީ ހަނގުރާމައިގެ ޖަރީމާތަކަކަށް ވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

އޮކްޓޫބަރު 2023 ގައި އިސްރާއީލުން ފެށި ގަތުލުއާންމަށް ތިން އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް ފަލަސްތީނުގެ 74،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 175،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ ސުންނާފަތިވެ ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.