މަގުމަތީގެ އަމާންކަން ގެއްލޭގޮތަށާއި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ރެކޯޑް އޮންނަ މީހުން ޕްރޮފައިލްކޮށް ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު ހަތަރު މީހަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތާއި އިންޒާރު ދީފިއެވެ.

މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ހާއްސަ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން، ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ފުލުހަށް ހާޒިރުކޮށް އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވުމާއެކު، އަމަލުތައް ތަކުރާރުވެއްޖެނަމަ ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ގެންދަނީ ދެމުންނެވެ. މިގޮތުން އެންމެ ފުރަތަމަ މީހަކު ހާޒިރުކޮށް ނަސޭހަތްދީފައިވަނީ އިއްޔެއެވެ.

Ad
rt

ފާއިތުވި 24 ގަޑިއިރު ތެރޭގައި ފުލުހަށް ހާޒިރުކޮށް ނަސޭހަތާއި އިންޒާރު ދީފައިވަނީ ދިވެހި ހަތަރު ފިރިހެނުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ މީހަކާއި، 20 އަހަރުގެ ދެ މީހުންގެ އިތުރުން 22 އަހަރުގެ މީހެކެވެ.

މީގެ ތެރެއިން 18 އަހަރުގެ މީހާއަކީ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް އުޅަނދު ދުއްވުމާއި، މަގުތަކުގައި ޒިގްޒެގްކޮށް މަގު ހުރަސްވާގޮތަށް ބާރު ސްޕީޑުގައި ދުއްވުމުގެ ރެކޯޑް އޮތް މީހެކެވެ. މީގެ އިތުރުން މަގުމަތީގެ އަމާންކަން ގެއްލޭގޮތަށާއި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި، އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމާއި، އުޅަނދަށް ދޫކޮށްފައިވާ ނަންބަރު ނޫން އެހެން ނަންބަރެއް ހަރުކޮށްގެން ދުއްވުމުގެ ރެކޯޑްވެސް އޭނާގެ އޮންނަކަމަށް ފުލުހުން ބުންޏެވެ.

ދެން ހާޒިރުކުރި 20 އަހަރުގެ އެކަކީ ވަންވޭއާ ހިލާފަށް ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އަދި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމުގެ އިތުރުން ރަޖިސްޓްރީ ނުކޮށް އުޅަނދު ދުއްވި މީހެކެވެ. އޭނާގެ ރެކޯޑްތަކުގެ ތެރޭގައި އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުމާއި، ޓްރެފިކް ލައިޓް ރަތްވެފައި ވަނިކޮށް ގަވާއިދާ ހިލާފަށް ދުއްވުމާއި، ސްޓިކާގެ އަދަދު ހަމަވެފައިވަނިކޮށް ދުއްވުންވެސް ހިމެނެއެވެ.

ހަމައެއާއެކު، 20 އަހަރުގެ ދެވަނަ މީހާއަކީ ގަޑިއަކު 106 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމާއި، އަހަރީ ފީ ހަމަވެފައިވަނިކޮށް ދުއްވުމުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހަތަރު މައްސަލައަކާއި، އެއްގޮތަކަށްވެސް ލައިސަންސް ނެތި ދުއްވުމާއި، ނުރައްކާތެރިކޮށް ދުއްވުމުގެ ރެކޯޑް އޭނާގެ މައްޗަށް އޮތް ކަމަށް ފުލުހުން ހާމަކުރެއެވެ.

މީގެ އިތުރުން 22 އަހަރުގެ މީހާއަކީ އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމާއި، ވަންވޭއާ ހިލާފަށް ދުއްވުމާއި، އިންޝުއަރެންސް، ރޯޑްވާދިނަސް އަދި އަހަރީ ފީ މުއްދަތު ހަމަވެފައި ވަނިކޮށް ދުއްވުމުގެ ރެކޯޑް އޮތް މީހެކެވެ. އޭނާގެ ކުށުގެ ރެކޯޑްތަކުގެ ތެރޭގައި ސައިކަލު ދުއްވަމުން މުވާސަލާތީ ވަސީލަތް ބޭނުންކުރުމާއި، ގަޑިއަކު 83 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި، ސައިލެންސަރު އަޅުވައިގެން ދުއްވުމާއި، މަނާ ތަންތަނުން ޔޫޓާން ނެގުމާއި، ރަޖިސްޓްރީ ކޮށްފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ހުއްދަނެތި ދުއްވުމުގެ އިތުރުން، ސައިލެންސަރުން އަޑުގަދަކޮށް އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ބަދަލު ގެނެސްގެން (މޮޑިފައިކޮށްގެން) އެއްގަމު އުޅަނދު ދުއްވުން ހިމެނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ ފުލުހަށް ހާޒިރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.