އެމެރިކާއާއެކު އަލުން ހަނގުރާމައެއް ފެށިދާނެ ކަމަށް ބަލައި، އީރާނުން އެ ގައުމުގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތައް ވަރުގަދަކޮށް، އާންމުންނަށް ހަނގުރާމައިގެ ތަމްރީނުތައް ދޭން ފަށައިފި ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފިއެވެ.

އީރާނުގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، އަންނަ ނޮވެމްބަރު މަހުގެ 3 ގައި ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު ރައީސް ޑޮނަލްޑް ޓްރަމްޕް އާ ހަމަލާތަކެއް ދެއްވަފާނެ ކަމަށް އީރާނުގެ ލީޑަރުން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ، އެއަށްވުރެ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ތެހެރާނުން ވަނީ ދީފައެވެ.

Ad
rt

ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި އީރާނުން ދަނީ އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތަކާއި ބޯޑަރު ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަމުންނެވެ. މީގެ އިތުރުން ސަރުކާރަށް ތާއީދުކޮށް ބާއްވާ އެއްވުންތައް އިތުރުކޮށް، އާންމު ރައްޔިތުންނަށް އަސްކަރީ ތަމްރީނު ދިނުން ވެސް ވަނީ ފުޅާކޮށްފައެވެ. ތެހެރާނުގެ ބިލްބޯޑުތަކުގައި ކޮނޑަށް ލައްވައިގެން ފޮނުވާ ވައިގެ ދިފާއީ މިސައިލާއި ސްނައިޕާ ބަޑި ބޭނުންކުރަން ދަސްކޮށްދޭ ކޯސްތައް އިޝްތިހާރު ކުރަމުންދާއިރު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ބަސީޖް ޕެރާމިލިޓަރީ ފޯސް މެދުވެރިކޮށް އަންހެނުންނަށް ގެރިއްލާ ހަނގުރާމައާއި، ބަޑި ޖެހުމާއި، ޑްރޯން އޮޕަރޭޓްކުރުމުގެ ތަމްރީނު ދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ވެސް ވަނީ އާންމުކޮށްފައެވެ. އަދި އިރުއުތުރުގެ ރަށެއް ކަމަށްވާ ސަބްޒެވާރުގެ ކިންޑަގާޓެން ސްކޫލަކަށް ރިވޮލިއުޝަނަރީ ގާޑުގެ އޮފިޝަލުން ޒިޔާރަތްކޮށް، ހަނގުރާމައިގެ ވާހަކަތައް ކިޔައިދީ، ހަމަލާދީ ވައްޓާލި ކަމަށް ބުނާ އެމެރިކާގެ ޓޮމަހޯކް މިސައިލެއް ދައްކާލާފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

އިންސްޓިޓިއުޓް ފޯ ސައިންސް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީން ދިރާސާކޮށްފައިވާ ވެންޓޯގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، އީރާނުގެ މައުންޓް ޕިކްއެކްސް އަދި ނަތަންޒް ނިއުކްލިއާ މަރުކަޒުތަކުގެ ވަށައިގެން އާ ދިފާއީ ހުރަސްތައް ދަނީ ބިނާކުރަމުންނެވެ. އެގޮތުން އެއްގަމު މަގުން ދީފާނެ ހަމަލާތައް ހުއްޓުވުމަށް ފަސްގަނޑު އުސްކޮށްގެން ހުރަސްތައް ހަދަމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، އީރާނުގެ ކުއްލި ހާލަތްތަކާ ބެހޭ ކަންކަން ބަލަހައްޓަވާ ބްރިގޭޑިއާ ޖެނެރަލް ޣުލާމްރެޒާ ޖަލާލީ ވިދާޅުވެފައިވަނީ، ހަނގުރާމައެއްގެ ހާލަތުގައި ވެސް ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ވައިގެ ބަނދަރުތަކާއި، ކަނޑުގެ ބަނދަރުތަކާއި، އަދި އިންޖީނުގެތަކުގައި ރައްކާތެރިވާނެ ތަންތަނާއި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނު ގާއިމުކޮށްފައިވާ ކަމަށެވެ.

އެމެރިކާއިން އިތުރު ހަމަލާއެއް ދީފިނަމަ އަވަށްޓެރި ގައުމުތަކަށް އެއްގަމު މަގުން ވަދެގަންނާނެ ކަމުގެ އިންޒާރު ވެސް އީރާނުގެ އޮފިޝަލުން ވަނީ ދެއްވާފައެވެ. އީރާނުގެ ގައުމީ ސަލާމަތާ ބެހޭ އިސް އޮފިޝަލެއް ކަމަށްވާ މުޙްސިން ރިޟާއީ އާދީއްތަ ދުވަހު ވިދާޅުވީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ސަރަހައްދުގެ ޑޭޓާ ސެންޓަރުތަކާއި އިންޓަނެޓް ކޭބަލްތަކަށް ހަމަލާދީފާނެ ކަމަށެވެ. އަދި ހަނގުރާމަ އަލުން ފެށިއްޖެނަމަ ސައޫދީ އަރަބިއްޔާގެ ތެޔޮ މަރުކަޒުތައް ހިމެނޭހެން މުހިންމު ވަސީލަތްތަކަށް ހަމަލާ އަމާޒުވެދާނެ ކަމުގެ އިންޒާރު އަރަބި އޮފިޝަލުންނަށް އީރާނުން ވަނީ ދީފައެވެ. މީގެއިތުރުން އެމެރިކާގެ އަސްކަރީ މަނަވަރުތައް ފައްތާލައި، ސިފައިން މަރާލުމަށް މަސައްކަތްކުރާނެ ކަމަށް ވެސް މެދުވެރިން މެދުވެރިކޮށް އީރާނުން ވަނީ ބުނެފައެވެ.

މި އިންޒާރުތައް އައިސްފައިވަނީ އީރާނާ ބައިއަތުހިފާފައިވާ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައޫދީއަށް ދޭ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ވޭތުވެދިޔަ ހޮނިހިރު ދުވަހު ރިޔާޒުގެ އެއާޕޯޓަށް ހޫޘީން ދިން މިސައިލް ހަމަލާއެއްގައި މަދުވެގެން 13 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އަނެއްކޮޅުން އެމެރިކާގެ އަސްކަރިއްޔާއިން ވެސް ދަނީ ކުރިމަތިލުމަކަށް ތައްޔާރުވަމުންނެވެ. އެގޮތުން އެމެރިކާގެ ތިންވަނަ މަތިންދާބޯޓު އުފުލާ ކަނޑުގެ ފައުޖަކާއި މެރިންސްގެ އިތުރު ޔުނިޓެއް އެ ސަރަހައްދަށް ދަތުރުކުރަމުންދާއިރު، އެ ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސްތަކަށް އިތުރު ވައިގެ ދިފާއީ ނިޒާމުތަކާއި ވަޒަން ފޮނުވުމާމެދު ޕެންޓަގަނުން ދަނީ ވިސްނަމުންނެވެ.

ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން ދެ ގައުމުގެ ދެމެދުގައި ކުރިމަތިލުންތައް މަޑުޖެހިފައި އޮތް ނަމަވެސް، މި މުއްދަތުގައި އީރާނުން ވަނީ މިސައިލާއި ޑްރޯން އުފައްދާ މަރުކަޒުތައް އަލުން ބިނާކޮށް، ހަތިޔާރުގެ ރިޒާވް ވަރުގަދަކޮށްފައެވެ. ހަމައެއާއެކު ގަލްފާއި ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ދޭ ހަމަލާތައް ވެސް ވަނީ އިތުރުވެފައެވެ. އާދީއްތަ ދުވަހު އޮމާން ކައިރިން ދަތުރުކުރި އެމިރޭޓްސްގެ ތެޔޮ ޓޭންކަރެއް ކަމަށްވާ "ޕެޓްރޯ ޑޮލްފިން" އަށް ޑްރޯން ހަމަލާއެއް އަރައި އަލިފާން ރޯވުމުގެ ސަބަބުން، އިންޑިއާގެ ދެ ފަޅުވެރިއަކު ވަނީ ގެއްލިފައެވެ. ވޮޝިންޓަންގެ ފައުންޑޭޝަން ފޯ ޑިފެންސް އޮފް ޑިމޮކްރަސީސްގެ އޮފިޝަލެއް ކަމަށްވާ ބެހްނާމް ބެން ތާލެބްލޫ ވިދާޅުވީ، އީރާނުގެ ސިޔާސީ ވާހަކަތަކާއި އަސްކަރީ ތައްޔާރީތަކުން ދައްކުވައިދެނީ އެ ގައުމުން އިތުރު ކުރިމަތިލުމަކަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުންދާ ކަމެވެ.