ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި، މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން ޤާއިމުކުރުމަށް އަހުލުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މުވައްޒަފުންނަށް ޚާއްޞަ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކުގައެވެ. މި ބައްދަލުވުމުގައި، އިންސާނާގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމާ ދެމެދުގައިވާ ގުޅުމުގެ މައްޗަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލާފައިވެއެވެ.
މީގެއިތުރުން، އަމިއްލަ ނަފްސުގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން އަގުހުރި އިރުޝާދުތަކެއް މި ސެޝަންގައި ވަނީ ޙިއްޞާކޮށްފައެވެ. އެގޮތުން، ދިރިއުޅުމުގައި ދިމާވާ ހިތާމަތަކާއި ކަންބޮޑުވުންތައް ހިތުގައި ފޮރުވައިގެން ނުތިބުމަށް ވަނީ ބާރުއަޅާފައެވެ.
އެފަދަ ކަންކަން އިތުބާރުހުރި ފަރާތްތަކާ ނުވަތަ ޢާއިލާގެ މެންބަރުންނާ ޙިއްޞާކުރުމުގެ މުހިންމުކަން ފާހަގަކޮށް، ނަފްސަށް ހަމަޖެހުން ގެނެސްދޭނޭ ފަދަ ފައިދާހުރި ކަންކަމުގައި ވަގުތު ހޭދަކުރުމަށް މި ބައްދަލުވުމުގައި އިރުޝާދު ދެއްވިއެވެ.
ހަމައެއާއެކު، އަމިއްލަ އިޚްތިޔާރުން ކަންކަން މެނޭޖުކުރަން ދަތިވާ ޙާލަތްތަކުގައި، އެއްވެސް ޖެހިލުންވުމެއް ނެތި ފަންނީ ކައުންސިލަރުންނާއި ޑޮކްޓަރުންގެ އެހީތެރިކަން ހޯދުމުގެ މުހިންމުކަން މި ސެޝަންގައި ވަނީ ފާހަގަކުރައްވާފައެވެ.
މި ސެޝަންގައި އިތުރަށް ހަނދާންކޮށްދީފައިވަނީ، އަމިއްލަ ނަފްސުގެ އިތުރުން މުޖުތަމަޢުގެ އެހެން ފަރާތްތަކުގެ ނަފްސާނީ ޙާލަތަށް ވެސް ސަމާލުވާން ޖެހޭނެ ކަމެވެ. އަދި އެކަކު އަނެކަކަށް އޯގާތެރިކަން އިސްކުރުމަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ވެސް ބައިވެރިންނަށް ވަނީ ހަނދާންކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!