އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ކޮމަންސްގެ ހޮލްބޯން އެންޑް ސެއިންޓް ޕެންކްރަސް ދާއިރާގެ އާ މެންބަރު ސަގާލް އަބްދީ-ވާލީ މިއަދު މަގާމުގެ ހުވާކުރައްވައި، އެ ގައުމުގެ ޕާލަމެންޓަށް އިންތިޚާބުވި ފުރަތަމަ ބްރިޓިޝް-ސޯމާލީ ބޭފުޅާގެ ޝަރަފު ހޯއްދަވައި ތާރީޚުގެ ތެރެއަށް ވަޑައިގެންފިއެވެ.

އޭނާ ހުވާކުރެއްވުމާއެކު އިނގިރޭސި ޕާލަމެންޓުގައި މުސްލިމް މެންބަރުންގެ އަދަދު ވަނީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ މަތީ މިންވަރަކަށް އަރައި، ރެކޯޑެއް ގާއިމުވެފައެވެ.

Ad
rt

ބައި-އިލެކްޝަނަކަށްފަހު އިންތިޚާބުވާ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަތުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއާތުތަކާ އެއްގޮތަށް، ސަގާލް ވަނީ ޗެމްބަރުގެ ތެރޭގައި ހުވާކުރައްވައި، ހައުސް އޮފް ކޮމަންސްގެ ސްޕީކަރަށް ތައާރަފުވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި އޭނާ ވަނީ ޕާލަމެންޓުގެ ދެ މެންބަރަކު (ސްޕޮންސަރުން) އަރިހުގައި މަޖިލީހުގެ ތަޅުމަށް ވަޑައިގެން، ޓޭބަލް އޮފް ދަ ހައުސްގައި ހުންނަވައި ކީރިތި ޤުރްއާންގައި އަތްޕުޅު ބާއްވަވައިގެން ހުވާކުރައްވައި، ޓެސްޓް ރޯލުގައި ސޮއިކުރައްވާފައެވެ. އިނގިރޭސިވިލާތުގެ 1868 ވަނަ އަހަރުގެ ޕްރޮމިސަރީ އޯތްސް އެކްޓް ބަޔާންކުރާ ގޮތުން، ގާނޫނުހަދާ މަޖިލީހުގެ ބަހުސްތަކުގައި ވާހަކަދެއްކުމަށާއި، ވޯޓު ދިނުމަށާއި، މުސާރަ ލިބިގަތުމަށް އަދި ގޮނޑީގައި އިށީނުމަށްޓަކައި ކޮންމެ މެންބަރަކު ވެސް ވަފާތެރިކަމުގެ ހުވާކުރުން ނުވަތަ އިގުރާރުވުން ގާނޫނީ ގޮތުން ލާޒިމުވެއެވެ.

ސަގާލް އަބްދީ-ވާލީ މި ގޮނޑި ކާމިޔާބު ކުރެއްވީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު 8 ގައި ބޭއްވުނު ހޮލްބޯން އެންޑް ސެއިންޓް ޕެންކްރަސް ދާއިރާގެ ބައި-އިލެކްޝަންގައެވެ. މީގެ ކުރިން ކެމްޑަން ކައުންސިލްގެ ލީޑަރުކަން ކުރައްވާފައިވާ ސަގާލް، ލޭބާ ޕާޓީގެ ޓިކެޓުގައި ނުކުމެވަޑައިގެން މި ގޮނޑި އެ ޕާޓީއަށް ދިފާއުކޮށްދެއްވީ ގްރީން ޕާޓީގެ ލީޑަރު ޒެކް ޕޮލަންސްކީއާ ވާދަކުރައްވައެވެ. ޖުމްލަ 15 ކެންޑިޑޭޓުން ވާދަކުރި މި އިންތިޚާބުގައި ސަގާލް ވަނީ 12،292 ވޯޓު (45.2 އިންސައްތަ) ހޯއްދަވާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޒެކް ޕޮލަންސްކީއަށް ލިބިވަޑައިގަތީ 8،928 ވޯޓެވެ (32.8 އިންސައްތަ)އެވެ.

އިނގިރޭސި ގާނޫނުހަދާ މަޖިލީހުން ތާރީޚީ ޖާގައެއް ހޯއްދަވައި، ސޯމާލީ ދަރިކޮޅުގެ މުސްލިމް މެމްބަރު ސަގާލް އަބްދީ-ވާލީ ހުވާކުރައްވަނީ، ފޮޓޯ: ޔޫކޭ ހައުސް އޮފް ކޮމަންސް

މި އިންތިޚާބުގައި ސަގާލް ކުރިހޯއްދެވީ 3،364 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ. ޖުމްލަ 70،449 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މި ދާއިރާގައި ވޯޓުލާން ނުކުމެފައިވަނީ 38.6 އިންސައްތަ މީހުންނެވެ. އިންތިޚާބުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކޮންޒަވޭޓިވް ޕާޓީގެ އީވަން ކެމެރޮންއަށް 1،922 ވޯޓު (7.1 އިންސައްތަ) ލިބުނުއިރު، ރިފޯމް ޔޫކޭގެ ޕީޓާ ނިއުމަންއަށް ލިބުނީ 1،612 ވޯޓެވެ (5.9 އިންސައްތަ). އަދި ލިބަރަލް ޑިމޮކްރެޓްސްގެ ޕެޓްރިކް ތޯމަސް ސްޓިލްމަންއަށް 924 ވޯޓު، ރީސްޓޯ ބްރިޓަންގެ ޓައިލާ ކާޓިސް ޖޯންސަންއަށް 692 ވޯޓު، އަދި ވާކާސް ޕާޓީ އޮފް ބްރިޓަންގެ ޖޯޖް ގެލޯވޭއަށް ލިބުނީ 314 ވޯޓެވެ.

މީގެ އިތުރުން މި އިންތިޚާބުގައި ވާދަކުރި އެހެން ކެންޑިޑޭޓުންގެ ތެރެއިން ރީޖޮއިން އީޔޫގެ ބްރިއޯނީ އޭން ލޮންބޭ ކަޕޫރަށް 236 ވޯޓު، އޮފިޝަލް މޮންސްޓާ ރޭވިން ލޫނީ ޕާޓީގެ ބާމީ ބްރަންޗަށް 87 ވޯޓު، އަދި ކްރިސްޓިއަން ޕީޕަލްސް އެލަޔަންސްގެ ހެލެން ސްޕައިބީ-ވެންއަށް 63 ވޯޓު ލިބިފައިވެއެވެ. އަދި ޔޫކޭ އިންޑިޕެންޑެންސް ޕާޓީގެ ބެން ވޯކާއަށް 51 ވޯޓު، ކްލައިމެޓް ޕާޓީގެ ކްލެއާ ފިޝާއަށް 51 ވޯޓު، ޔޫކޭ ވޮއިސްގެ ކެތަންކުމާރު ޕިޕާލިއާއަށް 23 ވޯޓު، ކޮމިއުނިސްޓް ލީގްގެ ޖޮނަތަން ސިލްބަމަންއަށް 9 ވޯޓު އަދި އަމިއްލަ ގޮތުން ވާދަކުރި ޓޮމް ޑާވުޑަށް ލިބުނީ 7 ވޯޓެވެ.

ސަގާލް ހުވާކުރައްވައި މަޖިލީހުގެ ގޮނޑި ފުރުއްވަން ފެއްޓެވުމާއެކު، އިނގިރޭސިވިލާތުގެ 650 ގޮނޑި ހިމެނޭ ހައުސް އޮފް ކޮމަންސްގައި މުސްލިމް މެންބަރުންގެ އަދަދު މިހާރު ވަނީ 25 އަށް އަރާފައެވެ. މިއީ އެ ގައުމުގެ ޕާލަމެންޓުގެ ތާރީޚުގައި ވެސް މުސްލިމުން އެންމެ ބޮޑަށް ތަމްސީލުވެގެންދިޔަ ފަހަރެވެ. މި އަދަދަކީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ގާތްގަނޑަކަށް 3.8 އިންސައްތައެވެ.

ޕާލަމެންޓުގައި މިހާރު ތިއްބެވި މުސްލިމް 25 މެންބަރުންގެ ސިޔާސީ ޕާޓީތަކަށް ބަލާއިރު، އެންމެ ގިނަ މެންބަރުން ނިސްބަތްވަނީ ސަގާލް ވެސް ތަމްސީލުކުރައްވާ ލޭބާ ޕާޓީއަށެވެ. އެ ޕާޓީގެ 19 މުސްލިމް މެންބަރުން މަޖިލީހުގައި ތިއްބެވި އިރު، އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ 4 މެންބަރަކާއި ކޮންޒަވޭޓިވް ޕާޓީގެ 2 މެންބަރަކު މި އަދަދުގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ.