އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ އަވަށަކުން ފަލަސްތީނުގެ 47 އާއިލާއެއް ގަދަކަމުން ބޭރުކޮށްލުމުގެ ބިރު ބޮޑުވެފައިވާ ކަމަށާއި، ހަތިޔާރުއެޅި އިސްރާއީލުގެ އުދުވާނީ ވަޒަންވެރިން މަރުގެ އިންޒާރު ދިނުމާ ގުޅިގެން މިހާރު ވެސް ހަތަރު އާއިލާއެއް ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް ފަލަސްތީނުގެ ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ހަތިޔާރު އަޅައިގެން ތިބި އިސްރާއީލުގެ ހައްދުފަހަނައެޅި މީހުން ވަނީ ތޫބާސްގެ އިރުދެކުނުގައި އޮންނަ ޚިރްބަތު ރައުސް އަލްއަޙްމަރު އަވަށުގެ ގެތަކަށް ވަދެގަނެ، އެ ތަނުގައި ދިރިއުޅޭ ރައްޔިތުން މަރާލާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެ މީހުން ވަނީ ވިދިގެން އައި ދުވަހުގެ އިރުއޮއްސުމާ ހަމައަށް، އެ އަވަށުގެ 47 އާއިލާއަކަށް ގެދޮރު ދޫކޮށް ދިއުމަށް މުހުލަތެއް ދީފައެވެ.
ފަލަސްތީނުގެ މި އަވަަށް އިސްރާއީލުގެ ހިސޯރުގެ ދަށުގައި އޮންނަތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެފައިވާއިރު، އެ ތަނަށް ވަދެނުކުމެވޭ މަގުތައް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ފެނާއި ގެރިބަކަށްޓަށް ކާންދޭ ތަކެތި އެތެރެކުރުމަށް ހުރަސްއަޅައި، އެ އަވަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ވަސީލަތްތަކަށް އިސްރާއީލުން ދަނީ ބޮޑެތި ގެއްލުންތައް ދެމުން ކަމަށް ކޮމިޝަނުން ބުންޏެވެ.
މި ހުރަސްތައް އިތުރަށް ވަރުގަދަވެގެން ދިޔައީ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި އިސްރާއީލުގެ ސިފައިން އެ އަވަށަށް ވަދެވެން އޮތް އެންމެ ފަހު މަގު ކަނޑައި، ބޮޑު ވަޅުގަނޑެއް ކޮނުމާ ގުޅިގެންނެވެ. އެހެންކަމުން އިސްރާއީލު ސިފައިން ހައްޔަރުކޮށްފާނެ ކަމުގެ ބިރަށްޓަކައި، ރައްޔިތުންނަށް މަޖުބޫރުވެފައި ވަނީ ރޭގަނޑުގެ އަނދިރީގައި ފެން ހޯދުމަށާއި ފަތިހު އަލިވުމުގެ ކުރިން ދަތުރުފަތުރު ކުރުމަށެވެ. މީގެ އިތުރުން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ އަވަށުގެ ހަ ފެންވަޅެއް ތަޅާލައި، ފެންޕަންޕުތައް އަތުލައިގަނެ، އަވަށަށް ފެން ފޯރުކޮށްދޭ ހޮޅިތައް ތަކުރާރުކޮށް ބުރިކޮށްލާފައި ކަމަށް ވެސް ކޮމިޝަނުން ފާހަގަކުރިއެވެ.
ކޮމިޝަނުން އިންޒާރު ދީފައިވާ ގޮތުގައި މި ދަތިކުރުންތައް މިގޮތަށް ކުރިއަށްދާ ނަމަ އިތުރު އާއިލާތަކެއް އެ ތަން ދޫކޮށްދާން މަޖުބޫރުވެ، އެ މީހުންގެ ބިންތައް ފޭރިގަތުމަށް މަގުފަހިވެގެންދާނެއެވެ. މިފަދަ އެހެން ހާދިސާތައް ފާހަގަކުރަމުން ކޮމިޝަނުން ބުނީ، ނާބުލުސް ކައިރީގައި އޮންނަ ޖާލޫދުން މަސްތަކެއް ވަންދެން ދިން ހަމަލާތަކަށް ފަހު ފަލަސްތީނުގެ އާއިލާއެއް ގެދޮރުން ނެރެލާފައިވާ ކަމަށާއި، އަދި ޚަލީލު (ހެބްރޮން) ކައިރީގައި އޮންނަ ވާދީ އަލްރަޚީމްގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން 10 މީހުންގެ އާއިލާއެއް ގޭގައި ބަންދުވެފައިވާ ކަމަށެވެ.
އެހެންކަމުން ބަންދުކޮށްފައިވާ މަގުތައް ހުޅުވައިދިނުމަށާއި، އަސާސީ މުދާ އެތެރެކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ވަޒަންވެރިންގެ ފަރާތުން ކުރިމަތިވާ ހަމަލާތަކުން ރައްޔިތުން ރައްކާތެރިކޮށްދިނުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ. އަދި އޮކްޓޫބަރު 2023 އިން ފެށިގެން ހުޅަނގު އައްސޭރީގެ 376 އަވަށަކާއި އާބާދީއަކަށް އަމާޒުކޮށް އިސްރާއީލުން 14،742 ހަމަލާ ދީފައިވާ ކަމަށާއި، އެ މުއްދަތުގައި އިސްރާއީލުގެ އުދުވާނީ ފަރާތްތަކުން ފަލަސްތީނުގެ 67 މީހުން މަރާލާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ރެކޯޑުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!