ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޮނިހިރު ދުވަހު ޙޫޘީން ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި، އަމިއްލަ ކައިވެންޏަށް ގައުމަށް ދާން ތައްޔާރުވަމުންދިޔަ މިސްރުގެ އުމުރުން 28 އަހަރުގެ އަންހެން ކެބިން ކްރޫއަކު ހިމެނިއްޖެއެވެ.
ކައިވެންޏަށް ގައުމަށް އަންނަން ތައްޔާރުވަމުންދިޔަ މިސްރުގެ ޒުވާން ކެބިން ކްރޫ، ރިޔާޟް ހަމަލާގައި މަރުވި ޚަބަރާއެކު މުޅި މިސްރު ރޮއްވާލައިފި
މި ހާދިސާއާ ގުޅިގެން އޭނާގެ އުފަން ރަށަށާއި މުޅި މިސްރަށް ވަނީ ފުން ހިތާމައެއް ވެރިވެފައެވެ.
ސައޫދީގެ އެއާލައިނެއް ކަމަށްވާ "ފްލައިނާސް" ގެ ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ޢައްޒާ ރަމްޒީ މަރުވީ، އެއާޕޯޓުގައި އޭނާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ދިން ހަމަލާގައި ލިބުނު ބޮޑެތި ޒަޚަމްތަކުގެ ސަބަބުންނެވެ.
ޢައްޒާގެ ކުއްލި މަރާއެކު، އޭނާގެ އާއިލާ ދިރިއުޅޭ މިސްރުގެ ބުޙައިރާ ގަވަނަރޭޓުގެ މަޙްމޫދިއްޔާގެ އަލް-އަޠްފު ސަރަހައްދުގެ ރައްޔިތުންނަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އޮތް އޭނާގެ ކައިވެންޏަށް އެނބުރި މިސްރަށް ދިއުމަށް ތައްޔާރުވަމުން ދަނިކޮށް މި ހިތާމަވެރި ހާދިސާ ހިނގުމާ ގުޅިގެން ގިނަ ބައެއްގެ ހަމްދަރުދީ ވަނީ އޭނާގެ އާއިލާއަށް ލިބިފައެވެ.
މި ހާދިސާއާ ގުޅިގެން މިސްރުގެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އާއިލާއަށް ތައުޒިޔާ ކިޔައި، ހެޔޮ ދުއާގެ މެސެޖުތައް ހިއްސާކުރަމުންނެވެ. އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ވަގުތުތަކާ ބައްދަލުވާން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ޒުވާން އުމުރުގައި ވަކިވެދިއުމަކީ ގިނަ ބަޔަކަށް ފުން އަސަރެއް ކުރުވި ކަމެކެވެ.
ސައޫދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ބުނީ، ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޮނިހިރު ދުވަހު ދިން އެ ހަމަލާގައި ޢައްޒާގެ އިތުރުން 12 މީހަކު މަރުވެ، 309 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުން ހިމެނެއެވެ. މީގެ އިތުރުން މިސްރާއި، އެމެރިކާ، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ ކޮންމެ ގައުމަކުން އެކަކު ވަނީ މި ހަމަލާގައި މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!