ލޯފަން ފަރާތްތަކަށް ހުރި ފުރުސަތުތައް ފަހިކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބީވީއައިއެސްއެމްގެ މަޝްވަރާއެއް

ބީވީއައިއެސްއެމް އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ކުރިއަށް ދިޔަ މަޝްވަރާގައި މޭޔަރު ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ސިޓީ ކައުންސިލް

Ad
rt

ލޯފަން ފަރާތްތަކަށް ހުރި ފުރުސަތުތައް ފަހިކުރުމަށް ކުޅުދުއްފުށީ ކައުންސިލާއި ބީވީއައިއެސްއެމްގެ މަޝްވަރާއެއް

ލޯފަން އަދި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި، އެ ފަރާތްތަކަށް ހުރި ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ލޯފަން ފަރާތްތަކަށް ދިމާވާ އެކި ކަހަލަ ދަތިތަކާއި ކަންބޮޑުވުންތަކުގެ މައްޗަށެވެ. އެގޮތުން، އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ހުރި ގޮންޖެހުންތައް ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، މުޖުތަމައުގެ ތެރޭގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދެކެވިފައެވެ.

ބީވީއައިއެސްއެމް އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ކުރިއަށް ދިޔަ މަޝްވަރާގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް

އަދި އެއްވެސް މީހަކު ބާކީނުކޮށް، އެންމެން ބައިވެރިކުރާ މުޖުތަމައެއް ބިނާކުރުމަށްޓަކައި ދެ ފަރާތް ގުޅިގެން ކުރިއަށްގެންދެވިދާނެ މަސައްކަތްތަކާއި، ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެ ފަރާތުގެ މެދުގައި ޚިޔާލު ބަދަލުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މި މަޝްވަރާތަކުގެ އިތުރުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ މަޤްޞަދުގައި ބީވީއައިއެސްއެމްގެ ފަރާތުން ވަނީ ޚާއްޞަ ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެންނެވެ.

ކައުންސިލްގެ މުވައްޒަފުންނަށް ބޭއްވި މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަކަމާއެކު ހިފޭނެ ގޮތް ހެދުމަށެވެ. އަދި ލޯފަން ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ޚިދުމަތްތަކާއި އުފެއްދުންތައް ފަރުމާކުރުމާ ގުޅޭ މުހިންމު މައުލޫމާތުތައްވެސް މި ސެޝަނުގައި ވަނީ ހިއްސާކޮށްފައެވެ.