ހދ. މަކުނުދޫ އެއާޕޯޓް އެޅުމަށް ހިއްކާފައިވާ ފަސްގަނޑުގައި ޖެހުމަށް ގެންނަ ހިލަ ބޭލުމަށްޓަކައި ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި އަޅާފައިވާ ޑިންގީ، އޮޑި އަދި ދޯނިފަހަރުތައް ވީ އެންމެ އަވަހަކަށް ނެގުމަށް މަކުނުދޫ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ.

މަކުނުދޫ ކައުންސިލުން ޢާންމުކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއާޕޯޓް މަޝްރޫޢަށް ބޭނުންވާ ހިލަ ބޭލުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް މީގެ ކުރިން 18 ފެބުރުވަރީ 2026 ގައި ވެސް ވަނީ އަންގާފައެވެ. ނަމަވެސް، މިފަހަކަށް އައިސް އަނެއްކާވެސް އެ ސަރަޙައްދުގައި އުޅަނދުފަހަރު އަޅަމުންދާކަން އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.

Ad
rt

އެހެންކަމުން، އެ ސަރަޙައްދުގައި އަޅާފައިވާ އެންމެހާ ޑިންގީ، އޮޑި އަދި ދޯނިފަހަރުތައް ވީ އެންމެ އަވަހަކަށް ނަގައި އެހެން ސަރަޙައްދަކަށް ގެންދިއުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، އެއާޕޯޓްގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލަށާއި، މި މަސައްކަތް ކުރަމުންދާ ފަރާތަކަށް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވެސް މަކުނުދޫ ކައުންސިލުން އެދިފައިވެއެވެ.