ހދ. ހަނިމާދޫ ކައުންސިލްގެ ސްމާޓް އައިލެންޑް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ "މަގޭ ފުރާޅު" އޮފް ގްރިޑް ސޯލާ އެނާރޖީ އިނީޝިއޭޓިވް ޤާއިމްކުރުމުގެ އުސޫލު އާންމުކޮށް، އެ މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށުގެ ގޭބިސީތަކަށް ހުޅުވާލައިފިއެވެ.
މަގޭ ފުރާޅު އޮފް ގްރިޑް ސޯލާ ޖެހުމުގެ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ސްކީމަކީ ރައްޔިތުންގެ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމުގެ މުހިންމު މަޤްޞަދުގައި އެކުލަވާލައިފައިވާ އުޞޫލެކެވެ.
މީގެއިތުރުން، ތިމާވެށި ރައްކާތެރިކުރުމާއި، ސާފު ހަކަތައަށް ރައްޔިތުން އަހުލުވެރި ކުރުވުމަކީ ވެސް މި ޚާއްޞަ މަޝްރޫޢުގެ މައިގަނޑު އެއް ބޭނުން ކަމުގައި އެ އުޞޫލުގައި ފާހަގަކޮށްފައިވެއެވެ.
މި ސްކީމަށް އެދި ހުށަހަޅާއިރު ބައެއް މުހިންމު ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ. އެގޮތުން ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، ސޯލާ ހަރުކުރާ ގޯތި ނުވަތަ އިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ ކޮޕީގެ އިތުރުން، ވޭތުވެދިޔަ 12 މަސްދުވަހުގެ ކަރަންޓް ބިލްގެ ކޮޕީ ވެސް ހުށަހަޅަންޖެހޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި ސްކީމަށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އޮންލައިންކޮށެވެ. އެގޮތުން ފޯމު ހުށަހަޅަންވާނީ ހަނިމާދޫ ކައުންސިލް އިދާރާއިން ތައްޔާރުކޮށްފައިވާ ޚާއްޞަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އެ އުޞޫލުގައި ހާމަކޮށްފައިވެއެވެ.
ހަނިމާދޫ ކައުންސިލުން ކަނޑައަޅާފައިވާ ގޮތުގައި، "މަގޭ ފުރާޅު" ސްކީމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 08 ނޮވެމްބަރ 2026 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!