ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން އައު ހަމަލާއެއްގައި ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިންނެވެ.

Ad
rt

ގާކާ އިން ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަލާ ދީފައި ވަނީ ހޮނިހިރު ދުވަހުގެ (10 އޮކްޓޫބަރު) މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި މިއީ ސައުދީ އަރަބިއްޔާގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ވަސީލަތްތަކަށް އަމާޒުކޮށް ސިލްސިލާކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެއް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. މި ހާދިސާގައި ބަޔަކު ޒަޚަމްވެފައިވާކަން ކަށަވަރުކޮށްދެމުން އެ އޮތޯރިޓީން ބުނީ، އަނިޔާވި މީހުންގެ ޖުމްލަ އަދަދު ދެނެގަތުމުގެ މަސައްކަތް އޮފިޝަލުން އަދިވެސް ކުރަމުންދާ ކަމަށެވެ.

އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލީ ލިބުނު ގެއްލުންތައް ފުރިހަމައަށް ވަޒަންކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެއާޕޯޓުގެ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ގާކާ އިން ބުންޏެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބެމުންދާ މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހުގެ ހާދިސާއާ ގުޅިގެން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ދަތުރުވެރިންނަށް ޚާއްޞަ އިރުޝާދެއް ވެސް ނެރެފައެވެ. އެގޮތުން އެއާޕޯޓަށް ދިޔުމުގެ ކުރިން، ދަތުރުކުރާ އެއާލައިންތަކާ ސީދާ ގުޅައިގެން ފްލައިޓްތަކުގެ އެންމެ ފަހުގެ ހާލަތު ބަލައި ކަށަވަރު ކުރުމަށް އެއާޕޯޓުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، ރިޔާޟަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް މެދުކަނޑާލުމުގެ ސަބަބުން ނުވަތަ ލަސްވުމުގެ ސަބަބުން ދަތުރު ނުކުރެވިފައި ތިބި ސައުދީ ރައްޔިތުން، އެ މީހުން މިވަގުތު ތިބި ގައުމުތަކުގައި ހުންނަ ސައުދީ ޑިޕްލޮމެޓިކް މިޝަންތަކާ ގުޅުމަށް ސައުދީ ފޮރިން މިނިސްޓްރީން ވަނީ ގޮވާލާފައެވެ. އެ މިނިސްޓްރީން ބުނީ، ދަތުރުތަކަށް ބުރޫއެރުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ރައްޔިތުންނަށް އެމްބަސީތަކާއި ކޮންސިއުލޭޓްތައް މެދުވެރިކޮށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދޭނެ ކަމަށެވެ.

ހޮނިހިރު ދުވަހު ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މި ހަމަލާ އަމާޒުވެފައި މިވަނީ، އެ އެއާޕޯޓަށް ދިން ދެ ހަމަލާއެއްގައި ސައުދީގެ ތިން ރައްޔިތަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވިތާ އެންމެ ދެ ދުވަސް ފަހުންނެވެ. އެ ހަމަލާތައް ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި ހަމަލާދިނީ ދިނީ ސީދާ ކޮންބަޔެއްކަމަށް ސައޫދީން ނުބުނެއެވެ. ނަމަވެސް ޔަމަނުގެ ހޫތީން ސައޫދީ އާއި ދެކޮޅަށް މި ދުވަސްވަރު ހަނގުރާމަކުރަމުން އަންނައިރު، މި ހަމަލާއަކީ ހޫތީންގެ ހަމަލާއެއްކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފަވެއެވެ.