ކ. ކާށިދޫގެ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.

Ad
rt

މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ މުހިންމު ޚިދުމަތެއް ކަމަށެވެ. އަދި ކާށިދޫއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ފިޒިއޮތެރަޕީގެ ޚިދުމަތް ތަޢާރަފްކުރުމަށް ނިންމެވި ރަށެއްކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގެ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން މި ޚިދުމަތް ފެށި ފުރަތަމަ ރަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކާށިދޫގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފެށުމަކީ ރަށުން ބޭރަށް، ޚާއްޞަކޮށް މާލެއަށް ދަތުރުފަތުރުކުރުމަށް ރައްޔިތުން އުފުލަންޖެހުނު ބޮޑު މާލީ އަދި ޖިސްމާނީ ބުރައަށް ލިބުނު ބޮޑު ލުޔެކެވެ. މިއީ ޞިއްޙީ ދާއިރާ ހަރުދަނާކޮށް، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާއިލާ ގާތުގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ދުވާލަކު 25 އާއި 30 އާ ދެމެދުގެ އަދަދަކަށް ބަލިމީހުންނަށް ޚިދުމަތްދޭ އަދި 8 އެނދުގެ ޖާގަ ހިމެނޭ ކާށިދޫ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ދެމުން އަންނަ ތަނެކެވެ. މިހާރު ދެމުންދާ ޑޮކްޓަރަށް ދެއްކުމާއި، ލެބޯޓަރީ އަދި އީސީޖީ ޚިދުމަތްތަކުގެ އިތުރުން، އެކްސްރޭ އަދި ސްކޭންގެ ޚިދުމަތް ފެށުމަށްވެސް އެ މަރުކަޒުން އަންނަނީ ތައްޔާރުވަމުންނެވެ.

މި ސަރުކާރު އައިއިރު އަތޮޅުތަކުގެ 10 ހޮސްޕިޓަލެއްގައި ދެމުންދިޔަ ފިޒިއޮތެރަޕީގެ ޚިދުމަތް، މިހާރު ވަނީ ކާށިދޫގެ އިތުރުން މާފުށި، ނ. އަތޮޅު، ތ. އަތޮޅު އަދި ށ. އަތޮޅު ހޮސްޕިޓަލް ހިމެނޭހެން އިތުރު 5 ތަނެއްގައި އަލަށް ފަށައި ޚިދުމަތް ފުޅާކޮށްފައެވެ.