ނަފުސާނީ ދުޅަހެޔޮކަން ބިނާވަނީ އެކަކު އަނެކަކަށް ލިބޭ އަޅާލުމާއި، ދިރިއުޅޭ މުޖުތަމައުތަކާއި، އަދި ވަށައިގެންވާ މީހުންގެ މައްޗަށް ކަމަށް ފަސްޓްލޭޑީ، މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ފަސްޓްލޭޑީ، މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އަޅުގަނޑުމެންގެ ގެދޮރާއި، ސްކޫލްތަކާއި، މަސައްކަތުގެ މާހައުލުތަކުގެ އިތުރުން މުޅި މުޖުތަމައުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ނަފުސާނީ ދުޅަހެޔޮކަން ދަނީ ބައްޓަންވަމުންނެވެ. އެހެންކަމުން އެކަކު އަނެކަކުގެ ވާހަކަތައް އަޑުއަހައި، ދޭ އެހީތެރިކަމަކީ ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެސްދެވިދާނެ ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މީގެއިތުރުން، ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަހު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ މުހިންމު ކަމެއް ވާކަމަށް ވިދާޅުވަމުން އެކަމަނާ ފާހަގަކުރެއްވީ، ނަފުސާނީ ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ފަރާތްތަކަކީ މާނަހުރި އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ކަންކަން ހުންނަންވީ ގޮތުގެ އަގުހުރި ވިސްނުންތަކެއް ގެނެސްދެވޭނެ ބައެއް ކަމަށެވެ.
ނަފުސާނީ ސިއްހަތާ މެދު މީހުން ދެކޭ ގޮތާއި ގެންގުޅޭ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށްވެސް ފަސްޓްލޭޑީ ވިދާޅުވި އެވެ. އަދި މިފަދަ ކަންކަމުގައި ބޭނުންކުރާ ބަސްމަގު ބަދަލުކޮށް، އެހީތެރިކަން ހޯދުމަށް ފަސްނުޖެހި ކުރިއަށްދިއުމަށް ފަރުދުންނަށް ހިތްވަރު ދޭންޖެހޭ ކަމަށް އެކަމަނާ ބަޔާންކުރެއްވި އެވެ.
އެހީތެރިކަމަށް ބޭނުންވެފައިވާ ކޮންމެ މީހަކަށް ވެސް އެ އެހީތެރިކަން ލިބެން ހުރިކަން އަންގައިދީ، އެކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް އެކަމަނާގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ފަސްޓްލޭޑީގެ މެސެޖު ނިންމަވާލައްވަމުން ވަނީ ނަފުސާނީ ދުޅަހެޔޮކަމާ މެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ތަސައްވުރު ނައްތާލުމަށް ގޮވާލައްވާފަ އެވެ. އަދި ކޮންމެ މީހަކީވެސް އެމީހެއްގެ އަޑު އަހައި، އެހީތެރިކަން ލިބޭކަމުގެ އިހުސާސްކުރެވޭ ފަދަ ރައްކާތެރި މާހައުލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ ބާރުއެޅުއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!