ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެހެން އެއްވެސް ސަރުކާރަކުން ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ނުދެއްވާ ފަދަ ބޮޑު ސަމާލުކަމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވަމުން ގެންދަވާ ކަމަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ސީއީއޯ ނާޒިމާ ޢަލީ ވިދާޅުވެއްޖެއެވެ.
ނާޒިމާ މިހެން ވިދާޅުވީ، ރާއްޖޭގައި ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން އިސްނަގައިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިންނާ އެކު ބޭއްވި ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކަށްފަހު ދެއްވި ބަސްދީގަތުމެއްގައެވެ. މި ބައްދަލުވުންތަކަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިންނާ އެކު ކުރިއަށްގެންދިޔަ ބައްދަލުވުންތަކެކެވެ.
މި ބައްދަލުވުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒިމާ ފާހަގަކުރެއްވި ގޮތުގައި، ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ހޮސްޕިޓަލްތަކާ ވަރަށް ގާތުން ހެލްތު މިނިސްޓަރ ޤީލާ ޢަލީ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ޞިއްޙީ ޚިދުމަތް ދިނުމުގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ޤަބޫލުކުރައްވާ ކަމަށާއި، އެ ކަންކަމަށް އެދެވޭ ޙައްލެއް ހޯދުމަށްޓަކައި މި ބައްދަލުވުންތަކުގައި މައިގަނޑު ތިން ދާއިރާއަކުން މަޝްވަރާކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން، އެއަރ އެމްބިއުލާންސް އަދި ސީ އެމްބިއުލާންސް މެދުވެރިކޮށް ބަލިމީހުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގައި ހުރި ކަންކަމާއި، ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ އެކި ދަތިތައް ޙައްލުކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިކަމަށް ނާޒިމާ ވިދާޅުވިއެވެ.
މީގެއިތުރުން، އައުޓްރީޗް ޕްރޮގްރާމްތައް ހިންގުން މިހާރަށް ވުރެ ހަރުދަނާ ކުރުމާ ބެހޭ ގޮތުން ވެސް ޚިޔާލުބަދަލުކުރެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން މާލޭ ހޮސްޕިޓަލްތަކުގެ ޓީމްތަކުން ރީޖަނަލް ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށްގެން ހިންގާ މެޑިކަލް ކޭމްޕްތަކާއި، ރީޖަނަލް ހޮސްޕިޓަލްތަކުން އެ އަތޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކުގައި ހިންގާ ކޭމްޕްތައް އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަމަށް ނާޒިމާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!